މާލެ އާއި ހުޅުމާލޭގެ ސަރަހައްދުގައި 1000 އަށްވުރެ ގިނަ ރަޖިސްޓްރީ ނުކުރާ އުޅަނދު އެބަހުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.
ރޭ ދަރުބާރުގޭގައި “މާލެ ފަހި” ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާ، ހުށަހަޅައިދިން މާލެ ފަހި ރިޕޯޓްގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ވިއްކާލެވެންދެން ނުވަތަ ރަޖިސްޓްރީ ކުރެވެންދެން މަގުމަތީގައި ގުދަންކޮށްފައި ބަހައްޓާފައިވާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިނިސްޓްރީން ކޮށްފައިވާ ސާވޭއަކުން ދައްކާ ގޮތުގައމާލެ އާއި ހުޅުމާލެ ހިމެނޭހެން ޖުމްލަ 1،100 އަށްވުރެ ގިނަ ރަޖިސްޓްރީ ނުކުރާ ހަތަރު ފުރޮޅުލީ ވެހިކަލް މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ޕާކްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
“މި މައްސަލަ ހައްލުކުރުމަށް ޓަކައި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ ވެހިކަލްތައް މަގުމަތީގައި ގުދަންކުރުމުގެ ބަދަލުގައި، ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ވަކި ސަރަހައްދަކުން ބިން ކަނޑައަޅައި، ވިޔަފާރި އުސޫލުން އެ ފަރާތްތަކަށް ޖާގަ ދޫކުރުމަށް ވަނީ ނިންމާފައި. މިއީ، އެހެން ވިޔަފާރިތަކެކޭ އެއްފަދައިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރެވޭ ވިޔަފާރިއަކަށް ވާނެ.” މިނިސްޓްރީން ރިޕޯޓްގައި ވިދާޅުވެފައިވެއެވެ.
ރޭގެ ރަސްމިއްޔާތުގައި ހާމަކުރި ރިޕޯޓްގައި މިނިސްޓްރީން ބުނެފައިވަނީ 000’118 އަށް ވުރެއް ގިނަ ވެހިކަލް މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އެކަކުގެ ނަމުގައި ގިނަ ވެހިކަލްތަކެއް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، އެކި ލޯން ސްކީމްތަކުގެ ދަށުން ސައިކަލު ނެގުމަށްފަހު ސައިކަލަށް ފައިސާ ދެއްކިފައި ނުވާ ގިނަ އަދަދެއްގެ ވެހިކަލްތައް ވެސް މަގުތައް މަތީގައި ޕާކްކޮށްފައި ހުރިކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ އެވެހިކަލްތަކަކީ އޭގެ ހަމަ މަގުގައި ވިއްކާ ނުލެވިފައިވާ ސައިކަލުތައް ކަމަށާއި އެއެއްޗެހި ވިއްކާލެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން އެކަށޭނެ ފަންޑެއް (ބައިބެކް ޕްރޮގްރާމެއް) އެކުލަވައިލާނެ ކަމަށެވެ.