-Advertisement-

-Advertisement-

ގިރާވަރާއި އުތުރުތިލަފަޅު ގުޅުވައިދޭ ބުރިޖުގެ މަސައްކަތް 2026 ގައި ފަށާ 2029 އަށް ނިންމާލަނީ

ފޮޓޯ: ސަންގު ނިއުޒް

ގިރާވަރާއި އުތުރުތިލަފަޅު ގުޅުވައިދޭ ބުރިޖުގެ މަސައްކަތް 2026 ގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގިރާވަރާއި އުތުރުތިލަފަޅު ގުޅުވައިދޭ ބުރިޖުގެ މަސައްކަތް 2026 ގައި ފަށައި 2029 އަށް އެ މަސައްކަތް ނިންމާލުން ކަމަށެވެ.

ރައީސް ވިދާޅުވީ މިމަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށާއި ދާދި ފަހުން ޗައިނާއަށް ވަޑައިގަތް ވަޒިރުންގެ ޓީމުން ވަނީ ޗައިނާގެ އޭޝިއާ އިންފްރާންސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ރައީސްއާ ބައްދަލުކުރައްވައި ގިރާވަރާއި އުތުރުތިލަފަޅު ގުޅާލުމަށް ޓަކައި ބޭނުންވާ ފައިސާ ހޯދުމަށް މަޝްވަރާ ކުރެއްވާފައި ކަމަށެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ 2026 ގައި މި ދެ ބުރިޖުގެ އަމަލީ މަސައްކަތް ފެށުން. 2026 ގައި އަމަލީ މަސައްކަތް ފަށައި ތިން އަހަރު ތެރޭ ގިނަވެގެން ތިން އަހަރު ތެރޭ 2029 ނިމެންވާއިރަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅުވާލުން،” ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން މިހާރުވެސް ދަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅު މާލެ އާއި ގުޅާލުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ.

މިއަހަރު ނިމުމުގެ ކުރިން ދަނޑުވެރިކަމުގެ މަޝްރޫއުއަށް އުތުރުތިލަފަޅުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި  ރާއްޖެއަށް މައިގަނޑު ގޮތެއްގައި ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތް އުތުރުތިލަފަޅުގައި ހައްދާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް އިޤްތިސާދީ ފުދުންތެރިކަން ލިބި އެތަކެތި އެތެރެކުރުމަށް ރާއްޖެއިން ކުރާ ޚަރަދު ސަލާމަތް ކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-