2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބަޖެޓުގައި މީޑިއާއަށް ފައިސާ ދިނުމަށް ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ .
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން ވެސް ވައުދުފުޅުވެވަޑައިގެން ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ސީޔާސީ ޕާޓީތަކަށް ވަކި ޕަސެންޓަކަށް ފައިސާ ދޫކުރާ ގޮތަށް މީޑިއާތަކަށް ވެސް ވަކި ޕަސެންޓެއްގެ ފައިސާ ދިނުމަށް ހަމަޖައްސަވާނެ ކަމަށެވެ. އަދި އަންނަ އަހަރަށްފަހު، ކޮންމެ އަހަރަކުވެސް މީޑިއާތަކަށް ފައިސާ ދިނުމަށް ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން މިހާރު ނަގާފައިވާ ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ އިމާރާތުން ބައެއް ފްލޯތަކުގައި މީޑިއާ ވިލެޖް ހަދާނެ ކަމަށާއި އެއަށްފަހު ސަރުކާރުން ކަނޑައަޅާ ވަކި އުސޫލެއްގެ މަތިން މީޑިއާތަކަށް އެތަންތަން ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރު ތެރޭގައި އެއިމާރާތުގެ މަސައްކަތް ނިންމާނެ ކަމަށާއި މީޑިއާ ވިލެޖަށް ބޭނުންވާ ތަންތަން ދޭނެ ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުކުރުވުމަށާއި މިނިވަން ކުރުމަށް ބަޖެޓުން ފައިސާ ދިނުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މިހާރު ދައުލަތުގެ ކުންފުނިތަކުން މީޑިއާއަށް ފައިސާދޭ އުސޫލު ބަދަލު ކުރަންޖެހޭ ކަމަށާއި މީޑިއާތަށް މިނިވަންކޮށްދިނުމަށް ކަމަށާއި މީޑިއާތަށް މިނިވަންވުމަށް ފުރުސަތުތަށް ފަހިކޮށްދީ އެ ފުރުސަތުތަކުގެ ބޭނުން ހިފޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އޭރު ރައީސް ވަނީ ވައުދުވެފައެވެ.