ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ރިސިޓްތައް ރައީސް އޮފީހުން ހާމަކޮށްފި އެވެ.
ރައީސް ސޯލިޙްގެ އެމެރިކާގެ ދަތުރުފުޅުގެ ރިސިޓްތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގުމުން އެއަމުރަށް ރައީސް އޮފީހުން އަމަލު ނުކުރުމާއި ގުޅިގެން ހައިކޯޓުގައި މިމައްސަލަ ހުށަހެޅި، ހައިކޯޓުން ވަނީ އިންފޯމޭޝަން ކޮމިޝަނަރުގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅާ އެނިންމުމަށް ތާއިދު ކުރައްވާފައެވެ.
އެއަށްފަހު ދައުލަތުން ވަނީ ހައިކޯޓުގެ ނިންމިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ދައުލަތުން ފަހުން ވަނީ ދައުވާ އަނބުރާ ގެނެސްފައެވެ.
މިއަށްފަހު ރައީސް ސޯލިޙްގެ ދަތުރުފުޅުގެ ރިސިޓްތައް ރައީސް އޮފީހުން ހާމަކޮށްފައިވާ އިރު، މިމައްސަލަ ހުށަހެޅުއްވި ކުރީގެ ނޫސްވެރިޔާ އަދި މިހާރު ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޒާން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމެރިކާ ދަތުރުފުޅުގެ ރަސީދުތައް ލިބިފައިވާ ކަމަށާއި ރިސިޓްތައް ހާމަ މިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ކަމަށެވެ.
ރައީސް އިބްރާހީމްގެ އެމެރިކާ ދަތުރުފުޅުގެ ރަސީދުތައް މިވަނީ ލިބިފައި. މިއީ 2021 ވަނަ އަހަރު އަޅުގަނޑު ހޯދަން އެދުނު މައުލޫމާތެއް. މި ރަސީދުތައް ހާމަ މިކުރެއްވީ ރައީސް @MMuizzu ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން. pic.twitter.com/qP3LCmCZ2e
— Ahmed Azaan (@axanner) July 26, 2024
މިމައްސަލަ އާއި ގުޅިގެން ހުސްވި ހަފްތާ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އިބޫގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކުރަން ނުޖެހޭނެ ކަމަށާއި އެ ރިސިޓްތައް ހާމަ ނުކުރިޔަސް، ދަތުރުފުޅުގެ ހަރަދުތައް ކުރިން ދީފައިވާނެ ކަމަށެވެ.
މިފަދައިން ކޯޓުގައި ވަކާލާތު ކުރުމަށްފަހު ސުޕްރީމް ކޯޓުގައި އޮތް ދައުވާ އަނބުރާ ގެންނަމުން އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެނައުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށާއި ހައި ކޯޓުން އަންގާފައިވާ ގޮތަށް ރިސިޓްތައް ހާމަކުރާނެ ކަމަށެވެ.