2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް ފެށުމަށް ބޭއްވި އިފްތިތާހީ ރަސްމިއްޔާތުގައި ފިރިހެނުން އަންހެނުނަށް ވެގެން އުޅޭ މީހުން ދައްކުވައިދިން ހަރަކާތްތަކުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އެ ހަރަކާތްތަކަށް އަމާޒުވެއްޖެއެވެ.
ޕެރިސް އޮލިމްޕިކްސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ކުރިޔަށްދިޔައީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފަރަންސޭސިވިލާތުގެ ޕެރިސްގައެވެ. ސެއިން ކޯރާއި އީފަލް ޓަވަރުގެ މަންޒަރު ފެންނަ ގޮތަށް ބޭއްވުނު މި ރަސްމިއްޔާތުގެ މަޤްޞަދަކީ އެކުވެރިކަމާއި ތަފާތުކަން ކުރިއެރުވުމެވެ.
މި ރަސްމިއްޔާތު ފެށުނީ ވެސް ޖިންސު ބަދަލުކުރާ މީހުންނާއި ފިރިހެނުން އަންހެން ހެދުން އަޅައިގެން ނަށާބައެއްގެ ހަރަކާތްތަކަކުންނެވެ. އެ ފަރާތްތަކުން ދައްކުވައިދިން ބަލައިގަންނަން ދަތި ހައިރާންކުރުވަނިވި ހަރަކާތްތަކުގެ ސަބަބުން ބައިނަލްއަގްވާމީ ސަމާލުކަން މި ވަނީ އެ ހަރަކާތްތަކަށާއި އޮލިމްޕިކްސްއަށް ވެސް ހުއްޓިފައެވެ.
އެގޮތުން ފާހަގަކޮށްލެވޭ އެއް ހަރަކާތުގައި “ޑްރެގް ކުއީންސްތަކެއް” (ނިވާކަން ކުޑަ ހެދުންލައިގެން ފިރިހެނުން އަންހެނުންނަށްވެގެން ބޭއަދަބީ ވައްތަރު ޖައްސާބައެއް) ލިއޮނާޑޯ ޑަ ވިންޗީގެ މަޝްހޫރު ކުރެހުން “ދަ ލާސްޓް ސަޕަރ” އާ ދިމާކޮށް މަލާމާތްކުރިއެވެ. މި ބަރލެސްކް މަންޒަރުގައި 18 ޕަރފޯމަރުން ހިމެނުނެވެ. އެ މީހުން ދައްކުވައިދިނީ ޢީސާގެފާނު ސަލީބަށް އެރުވުމުގެ ކުރިން އެކަލޭގެފާނުގެ ސަހާބީންނާއެކު ފަރީއްކުޅުއްވި އެންމެ ފަހު ކެއުމުގެ މަޝްހޫރު މަންޒަރެވެ. މި ޕަރފޯމަންސްގެ މައި ނުކުތާއަކީ ނީލަކުލައިން ކުލަޖައްސައި، ގަސްވެލިން ނިވައިކޮށްފައިވާ މީހެކެވެ. މިއީ ގްރީކް އިލާހު ޑައިއޮނިސަސްކަމަށް ދޭހަވާގޮތަށް މާމެލާމުން ޒީނަތްތެރިކޮށްފައިވާ މޭޒެއްގައި އެ މީހާ އިށީނދެ އިންނަ މަންޒަރު ފެނެއެވެ. މި މީހާގެ ވަށައިގެން އެހެން ޕަރފޯމަރުން ތިބެއެވެ. އޭގެ ތެރޭގައި އާންމުކޮށް ޢީސާގެފާނު ދައްކުވައިދޭ ގޮތަށް ބޮލުގައި އަލިކަމެއް ހުރި އަންހެނެއްވެސް ހިމެނެއެވެ. މި ޕަރފޯމަންސްގައި ހިމެނުނީ ހަށިގަނޑުގެ ބޮޑުބައެއް ހާމަކޮށްފައިވާ ޖިންސް ވަކި ނުވާގޮތަށް ހެދުން އަޅައިގެންތިބި ބައެއްކަން ވެސް ފާހަގަކޮށްލެވުނެވެ.
އޮލިމްޕިކް ގޭމްސްގެ ރަސްމީ އެކްސް ޕްރޮފައިލްގައި ބުނެފައިވަނީ މި ޕަރފޯމަންސްގެ މަޤްޞަދަކީ އިންސާނުންގެ މެދުގައި ހިނގާ އަނިޔާވެރިކަމުގެ ބޭކާރުކަން ފާހަގަކޮށް، ގްރީކް ކަލާނގެ ޑައިއޮނިސަސްއަށް އިޝާރާތްކުރުންކަމަށެވެ.
މި ރަސްމިއްޔާތަށް ކޮންޒަވޭޓިވް ލީޑަރުންނާއި ދީނީ ޝަޚްޞިއްޔަތުތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިކަން ފާހަގަކޮށްލެވެއެވެ.
އެމެރިކާގެ ހައުސް ސްޕީކަރ، މައިކް ޖޯންސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “އިއްޔެ ރޭ ދެއްކި އެންމެ ފަހުގެ ރޭގަނޑުގެ ކެއުމުގެ ފުރައްސާރައަކީ އޮލިމްޕިކް ގޭމްސްގެ އޯޕެނިންގ ސެރެމަނީ ބެލި ދުނިޔޭގެ ކްރިސްޓިއަން ރައްޔިތުންނަށް ޝޮކިންގ އަދި އިންސަލްޓިންގ ކަމެއް. އަޅުގަނޑުމެންގެ އީމާންކަމާއި އާދަކާދައިގެ އަގުތަކާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މިއަދު އިންތިހާއެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތާއި ހެޔޮކަން އަބަދުވެސް ކާމިޔާބުވާނެކަން…”
ޓެލެކޮމިއުނިކޭޝަންސް ކުންފުންޏެއްކަމަށްވާ ސީ ސްޕަޔަރއިން ޕެރިސް އޮލިމްޕިކްސްގެ އިޝްތިހާރުތައް އަނބުރާ ގެންގޮސްފައިވެއެވެ. ސީ ސްޕަޔަރއިން ހާމަކުރާ ގޮތުގައި މި ޕަރފޯމަންސްގައި އިންސާނީ ބައެއް ނަސްލުތަކަށް ކުޑައިމީސްކޮށްފައި އެބަހުއްޓެވެ. މިސިސިޕީގެ ގަވަރނަރ ޓޭޓް ރީވްސް މި ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
ފްރާންސްގެ ބިޝޮޕުންގެ ކޮންފަރެންސުން އެ މަންޒަރުތަކަކީ “ކްރިސްޓިއަނިޓީއަށް ފުރައްސާރަކުރުމެއް” ކަމުގައި ބުނެފައިވެއެވެ.
ވެޓިކަންގެ ޕޮންޓިފިކަލް އެކަޑަމީ ފޯ ލައިފްގެ އާކްބިޝޮޕް ވިންސެންޒޯ ޕަގްލިއާ އަދި މޯލްޓާގެ އާކްބިޝޮޕް ޗާލްސް ސިކްލޫނާ އެ ޕަރފޯމަންސްއާ ދެކޮޅަށް ވަރުގަދަ ބަޔާންތަކެއް ނެރުނުކަމަށް ވެސް ބައެއް ނޫސްތަކުން ހާމަކޮށްފައިވެއެވެ. އަދި އެ ފަރާތްތަކުން ވަނީ ސިކްލޫނާ މޯލްޓާގައި ހުރި ފްރާންސްގެ ސަފީރަށް ރަސްމީ ޝަކުވާއެއް ވެސް ހުށަހަޅައިފައެވެ.
ވިނޯނާ-ރޮޗެސްޓަރގެ ބިޝޮޕް ރޮބަޓް ބެރަން އެ ފުރައްސާރަ ސިފަކުރީ “ވަރަށް ބޮޑަށް ސެކިއުލަރިސްޓް ޕޯސްޓްމޮޑަން މުޖުތަމަޢެއްގެ” އަމަލެއްގެ ގޮތުގައެވެ.
ދުނިޔޭގެ ފެންވަރުގެ ދީނީ ލީޑަރުން ވަކިން ޚާއްޞަކޮށް މި ޕާފޯމެންސާމެދު ހިތްހަމަނުޖެހޭކަން ފާޅުކުރިއެވެ.
ރާއްޖޭގެ ކުރީގެ ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް ވެސް ވަނީ އޮލިމްޕިކްސްގެ މި އަހަރުގެ އިވެންޓަކީ ތާރީޚުގައި ވެސް ބޭއްވުނު އެންމެ މުޑުދާރު އިވެންޓްގެ ގޮތުގައި ސިފަކުރައްވާ އެކްސްގައި ޕޯސްޓެއް އާންމުކުރައްވާފައެވެ.