ދުނިޔޭގެ އިގްތިޞާދަށް އަންނަމުންދާ ބަދަލްތަކާއި ގުޅިގެން ހަރަދު ކުޑަ ކުރުމުގެ މުހިއްމު ކަމަކީ އެންމެންވެސް ދައްކާވާހަކައެކެވެ. އަހަރުމެން ހަރަދު ކުޑަ ކުރަންވީ ހަމައެކަނި އިގްތިޞާދަށް ބަދަލު އައުމުންނެއް ނޫނެވެ. އަހަރުމެންގެ އާންމު ދިރިއުޅުމުގައިވެސް ހަރަދު ކުޑަ، މެދުމިންވަރެއްގައި ހުރިހާ ކަމެއްވެސް އަހަރުމެން ބަހައްޓަން ޖެހެއެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ އެމީހެއްގެ އަތުގައި ދިހަބާރަ ސެންޓުފުޅި ނުވަތަ އެކި ކުލަކުލައިގެ އަތްދަބަހާއި ފައިވާން ހުރުން މުހިއްމެއް ނޫންކަމެވެ. ތިރީގައި މިބަޔާން ކޮށްލަނީ ހަރަދުކުޑަކޮށް މަދުތަކެއްޗަށް ބަރޯސާވާނެ ބައެއް ގޮތްތަކެވެ.
ތަކެތި ގަންނައިރު އެއެއްޗެއްގެ ކޮލިޓީއަށް އިސްކަންދޭށެވެ.
ގިނަތަކެތި ގަތުމުގެ ބަދަލުގައި ގިނަ ދުވަހަށް ގެންގުޅޭވޭނެ ކޮލިޓީ ރަނގަޅު ތަކެތި ގަންނާށެވެ. މަދު އަދަދެއް ނަމަވެސް ގިނަ ދުވަހު އޭރުން ގެންގުޅެވޭނެއެވެ. މިސާލަކަށް ރަނގަޅު ކޮލިޓީގެ 1 ސެންޓުފުޅިން ވަރަށް ގިނަދުވަހު މަދުއެތިކޮޅެއް ޖަހާލިޔަސް ވަސްހުންނާނެއެވެ.
ގޭތެރޭގައި އެހާ ގިނަ ތަކެތި ނުގެންގުޅޭށެވެ.
ގޭތެރޭގައި ގެންގުޅޭތަކެތި މާގިނަ ކަމަށް ފެންނަންޔާ ހިތަށް ހަމަޖެހުން ލިބޭގޮތެއް ނުވާނެއެވެ. މަދު ތަކެތި ގޭތެރޭގައި ހުރުމުން ކޮންމެހެން ބޭނުންވާ އެއްޗެތި ގަތުމަށްވެސް އެހީތެރިވެދޭނެއެވެ. ބައެއް ފަހަރަށް ގޭތެރޭގެ މޭޒުމަތީގައި ބައިވަރު ސާމާނު އަހަރުމެންނަށް ބެހެއްޓެއެވެ. އަނެއްބައިފަހަރު ކަބަޑުތަކުގައި ބޭކާރު ބޭނުމެއް ނެތްތަކެތި ފުރާލާފައި ބެހެއްޓެއެވެ. މިތަކެއްޗަށް ހިރަފުސް އަރާއިރުވެސް އުކާނުލެވި ހުރެއެވެ. އެހެންކަމުން އެއްޗެއް ބޭނުންނުކުރެވި މަދުވެގެން 3 މަސްދުވަސްވާނަމަ އެއެއްޗެއް ޞަދަގާތްކޮށްލާ ނުވަތަ އުކާލާށެވެ.
ގޭގައި ތަކެތި ތައްޔާރުކުރެވޭތޯ ބަލާށެވެ.
އަހަރުމެންގެ އާނމު ދިރިއުޅުން ހުންނަ ގޮތުން އޮފީހަށް ދަމުން ކޮފީއެއް ގަތުން ނުވަތަ ހަވީރު ސަޔަށް އެއްޗެއް އޯޑަރުކޮށްލުން މިއީ ގިނައިން ކުރެވޭ ކަމެކެވެ. މިއީ ކޮންމެހެން ގޯސްކަމެއް ނޫނަސް އާނމުގޮތެއްގައި ކުރާނަމަ ހަރަދު ބޮޑުވާކަމެކެވެ. އޭގެ ބަދަލުގައި ގެއިން ކޮފީތައްޔާރުކޮށްގެން އޮފީހަށް ގެންދިއުން ނުވަތަ ހަވީރު ސަޔަށް ގޭގައި ފަސޭހައިން އެއްޗެއް ތައްޔާރުކޮށްލުމުން ހަރަދު ކުޑަވެގެން ދާނެއެވެ.
ތަކެތި ދެވަނަ ފަހަރަށް ބޭނުން ކުރާށެވެ.
ހެދުންފަދަ ތަކެތި ގަތުމުގައި ބޭނުންކޮށްފައި ހުންނަ ހެދުން ގަތުމަކީ ހަރަދުކުޑަކޮށްލަން ކުރެވިދާނެކަމެކެވެ. މިހާރު ރާއްޖޭގެ މާކެޓްތަކުގައިވެސް ބޭނުންކޮށްފައި ހުންނަ ހެދުން އަދި އެހެނިހެން ސާމާނު ގަނެވޭނެ ފަސޭހަ ގޮތްތަށް ހުރެއެވެ. މީގެ ސަބަބުން ތިމާވެށިންމެސް އުކާލެވޭ ސާމާނު މަދުވެގެންދާނެއެވެ.
މިފަދަ ކަންތައްތައް ހަދުމަ ބަހައްޓައިގެން ދިރުއުޅުމަށް ރަނގަޅު ބަދަލްތަކެއް ގެނައުމުން ހިތްހަމަ ޖެހުން ލިބި، މަދުމިންވަރަކުން ފުއްދާލެވޭނެ ގޮތްތަށް ތިބާގެ ކިބައިގައި އަށަގަންނާނެއެވެ.