ފާއިތުވި ދެ ހަފްތާ ތެރޭގައި މަސްވެރިން ކިރާ މަހަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 2.1 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރާފައިވާ 136 މެޓްރިކް ޓަނުގެ މަހުގެ އަގަށްވާ 2.1 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މި އަދަދާއެކު މި ސަރުކާތު އައިފަހުން މަސްވެރިން ކިރި މަހަށްދޭން ޖެހޭ ފައިސާގެ ތެރެއިން މަސްވެރިންނަށް ދޫކުތި ޖުމުލަ ފައިސާގެ އަދަދުވަނީ ބިލިޔަނަކަށްވުރެ މައްޗަށް އަރައިފައެވެ.
އެގޮތުން މަސްވެރިން ކިރާ މަހަށްވާ ފައިސާ މިހާރު ދެ ހަފްތާގެ ތެރޭގައި މަސްވެރިންނަށް ލިބިގެން ދާނެކަން ފާހަގަކުރައްވައި އެ މަސައްކަތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު، އަހްމަދު ޝިޔާމް ދެއްވާ އަހަންމިއްޔަތަށް މިފްކޯއިން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްވެރިން ބާނާ މަހަށް ފައިސާ ލިބޭނެ ކަމަށާއި މަސް ގަންނަމުން ދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށްކަމުގައި ވަޒީރު ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.