ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މީގެ ކުރިން ހޯދައިފައިވާ ޚިދުމަތްތަކާއި އެކި މުޢާމަލާތްތަކުން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ޖުމުލަ 300 މިލިޔަން ރުފިޔަ މިހާތަނަށް ދޫކުރެވިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެގޮތުން ފާއިތުވި 8 މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ އައި މެނޭޖްމަންޓާއި ހަވާލުވި އިރު ކުންފުނީގެ ފަރާތްތަކުން އެކި ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނީގެ ގޮތުގައި އޮތް 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކާ ޙަލާސް ކޮށްފައިކަމަސް އެ ކުންފުނިން މިއަދު ވަނީ ވިދަޅުވެފައެވެ.
އަދި މިހާރު ކުރަމުން ގެންދާ ހުރިހާ މަސައްކަތަކާއި ގަންނަ މުދަލަށްވާ ފައިސާ ބަރާބަރަށް އަދާކުރަމުން ގެންދާކަމުގައިވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެ ކުންފުނިން އަދާކުރަން ޖެހޭ ފައިސާ ޖުމުލަ 278 ވެންޑަރަކަށް ދައްކައި ޚާލާސްކޮށްފައިވާކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައެވެ.
މި ސަރުކާރުގައި ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރަކަށް އައްޔަންކުރެއްވި މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު ފެނަކަ ކޯޕަރޭޝަން ވަނީ ދަރަނި އިތުރުވެ މުޅިން ބަނގުރޫޓުވުމާއި ގާތަށް ގޮއްސައެވެ.
ވުމާއެކު ފެނަކަ އަލުން ނަގައި ކޮޅަށް ޖެހުމުގެ އަމާޒާއެކު ކުންފުނިން ކުރާ ޚަރަދުތައް ކުދަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފައިވާއިރު އޭގެ ތެރޭގައި ފެނަކައިން ކުރާ ދަތުރުތައް ކުރުމަށް އެ ކުންފުނިން ވަނީ ދޯންޏެއް ކުއްޔަށް ހިފާފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ދޯންޏެއް ކުއްޔަށް ހިފުމުގެ ސަބަބުން އަހަރެއްގެ މައްޗަށް 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވެއެވެ.