“ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް” ހިންގުމަށް ކުވޭތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާއެކު ލޯންގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ މިޕްރޮޖެކްޓް ހިންގުމަށް ކޭއެފްއޭއީޑީ އާއިއެކު މިއަދުވީ އެއްބަސްވުމުގެ ދަށުން މިޕްރޮޖެކްޓް ހިންގުމަށް ތިން މިލިއަން ކުވައިތު ދީނާރުގެ ލޯނު ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެއީ 151.27 މިލިއަން ރުފިޔާއެވެ.
މިމަޝްރޫއާއި ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށުގައި ބޭނުންވާ ސީއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި، އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށާއި މި މަޝްރޫއުގެ ސަބަބުން މި ހިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަވާނެ ކަމަށެވެ. އަދި
ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ސިއްހީ ހިދުމަތް މަރުކަޒީ އުސޫލުން ފޯރުކޮށްދެވި، ދެވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
Following a courtesy call on the Minister Dr. Mohamed Shafeeq from @KuwaitFund Acting DG H.E. Waleed Al-Bahar, they have signed a KWD 3m (aprox. $9.7m) loan for the financing for Small Islands Hospitals Project today towards the development of hospitals in outer islands. pic.twitter.com/VI1XfArb2S
— Ministry of Finance (@MoFmv) July 29, 2024
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫއުގެ ތެރޭގައި ހޮސްޕިޓަލްތައް އިމާރާތް ކުރުމާއި ހިދުމަތްތަކުގެ އިލެކްޓްރޯނިކް ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޮރުކޮށް ދިނުން ހިމެނޭނެއެވެ. އަދި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި، އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި، ބޭނުންވާ އިންޖިނިއަރިން ހިދުމަތްތައް އަދި މަޝްރޫއު ތަންފީޒުކުރާ ޔުނިޓްގެ މަސައްކަތްތައް ވެސް ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަދު ކޭއެފްއޭއީޑީ އާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އަދި ކޭއެފްއޭއީޑީގެ ފަރާތުން ސޮއި ކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓާ ޖެނެރަލް ވަލީދު އަލް ބަހަރެވެ.
މީގެ އިތުރުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ކޮލޮމްބޯގައި ހުންނަ ކުވައިތުގެ އެމްބަސީ ބޭފުންނާއި ފިނޭނސް މިނިސްޓްރީގެ އިސް ވެރިން މިއަދުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.