ރާއްޖެއިން “ސަމޯއާ އެގްރީމަންޓް” ގައި ބައިވެރިވުމާއި ގުޅިގެން ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމަށް ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްދު އިއްޔެ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފިއެވެ.
އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) މެންބަރު ގައުމުތަކުގެ މެދުގައި އެކުލަވާލާފައިވާ “ސަމޯއާ އެގްރީމަންޓް” ގައި މިމަހުގެ އެއްވަނަ ދުވަހު ރާއްޖެއިން ސޮއި ކޮށް އެއްބަސްވެފައިވާއިރު، މިއެއްބަސްވުމުގައި ބައިވެރިވުމާއި ގުޅިގެން ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ރައީސް ވަނީ އީޔޫ ސަފީރާއި އެކު މިއަދު މަޝްވަރާކޮށްފައެވެ.
މިއަދު ރައީސް އޮފީހުގައި އީޔޫން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ޔޫރަޕުގެ އިއްތިހާދާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ސަމޯއާ އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅިގެން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ރާއްޖެއިން ސަމޯއާ އެގްރީމެންޓްގައި ބައިވެރިވުމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ މިއެއްބަސްވުމުގައި ބައިވެރިވުމުން ރާއްޖެ އާއި އީޔޫއާ ދެމެދު އިގުތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށާއި އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކަށް އީޔޫގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމްތައް ރާއްޖެއަށް ލިބުމުގެ މަގުވެސް ފަހި ވާނެ ކަމަށެވެ.