އީރާނުގެ ރައީސްކަމުގެ މަގާމަށް އަލަށް އިންތިޚާބުވެވަޑައިގެން ޑރ. މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އިރާނަށް ވަޑައިގެންފިއެވެ.
ޑރ. މަސްއޫދު ޕެޒެޝްކިއާން މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައިވަނީ މިއަދެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އީރާނުގެ އިމާމް ޚުމައިނީ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރު އަލާއުއްދިން ބުރޫޖަރްދީއެވެ.
މަސްއޫދު ޕެޒެޝްކިއާންއަކީ މި މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މަސްއޫދު އިންޚާބު ކާމިޔާބު ކުރެއްވީ އެ ޤައުމުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަރކަމުގެ މަޤާމު ފުރުއްވާފައިވާ ސަޢީދު ޖަލީލީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.