ރަޝިޔާގެ ދެކުނުގައި އޮންނަ ވޮލްގަގްރަދް ސަރަޙައްދުގެ ކަޗީލްނިޔަކަވާގައި ހިނގި ރޭލު އެކްސިޑެންޓެއްގައި އެތައް ބަޔަކު ޒަޚަމުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޮރީއެއްގައި އެ ރޭލުޖެހުމުގެ ސަބަބުންނެވެ. އެ ރޭލަކީ ތަތަރްސްތާންގެ ކަޒާނުން ފުރައިގެން ކަޅު ކަނޑުގައި އޮންނަ އާދްލިޔަރަށް ދަތުރު ކުރަމުން ދިޔަ ފަސިންޖަރުން އުފުލާ ރޭލެކެވެ.
ރަޝިޔާގެ ރޭލު ދަތުރުފަތުރާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި ލޮރީ ދުއްވަން އިން ޑްރައިވަރު ކަޗީލްނިޔަކަވާ ރޭލު ސްޓޭޝަން ކައިރީގައި އޮންނަ ރޭލު ހުރަސްކުރަން މަސައްކަތްކޮށްފައި ވަނީ ގަވާއިދާ ހިލާފަށެވެ. ލޮރީ ހުރަސް ކުރަން މަސައްކަތް ކުރި ގަޑިއާއި ރޭލު އެ ސަރަހައްދުން ހުރަސް ކުރި ގަޑިއާ ދިމާވެ ހިނގި މި ނުރައްކާތެރި ހާދިސާގައި ރޭލުގެ ނުވަ ކާރު ވަނީ ފުރޮޅައިލާފައެވެ.
މި ހާދިސާގައި އެކްސިޑެންޓްވި ލޮރީ ދުއްވަން އިން ޑްރައިވަރުގެ ހާލު ސީރިއަސްކަމަށާއި އޭނާއަށް ހަސްފަތާލުގައި ފަރުވާދެމުންދާކަމަށް ރަޝިޔާގެ ރޭލު ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.
ރަޝިއާގެ ޒަމާންވީ ނޫސް، ދަ މޮސްކޯ ޓައިމްސްއިން ހާމަކޮށްފައިވާ ގޮތުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ޖުމްލަ 155 މީހަކަށް މިހާރު ދަނީ ހަސްފަތާލުގައި ފަރުވާދެމުންނެވެ.
އެ ރެއިލް ދަތުރުކުރީ ޖުމްލަ 803 މީހުނާ އެކުކަމަށް ވެސް ރަޝިއާގެ ނޫސްތަކުން އާންމުކޮށްފައިވެއެވެ.
ރަޝިއާގެ ލޯ އެންފޯސްމެންޓް އޮފިޝަލުން މިހާރު ގެންދަނީ މި ހާދިސާ ޓްރެފިކް ވަޔޮލޭޝަންގެ މައްސަލައެއްގެ ގޮތުގައި އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.