ކޭޕާކް ރެޒިޑެންސްގެ ލަގްޒަރީ އެޕާޓްމެންޓުތައް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި ހައްޔަރުކުރި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ކުރާ 100ށް ވުރެ ގިނަ ދަޢުވާއާއެކު އެ މައްސަލައިގެ ޝަރީޢަތް ފަށައިފިއެވެ.
މި މައްސަލައިގައި މަންޑޭގެ މައްޗަށް 104 ދައުވާއެއް ކުރާއިރު މަންޑޭގެ އިތުރުން ދެން މި މައްސަލައިގައި ހިމެނޭ ރ. އަލިފުށި، ކިނާރާގެ ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކުރުމަށް ކޯޓަށް ވަނީ ހުށަހަހަޅައިފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޒީ ވަނީ އެ ދެ މީހުން ވެސް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދައްވައިފައެވެ.
އެގޮތުން، އަޑުއެހުމުގައި ދެ މީހުން ވެސް ބުނީ، ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ އެކުގައި ކަމަށާއި ވަކީލަކު ހަޖައްސާނީ އަމިއްލައަށް ކަމަށެވެ.
މަންޑޭގެ މައްޗަށް ވަނީ ޓެކުމުގެ ކުށުގެ 50 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާއާއި، މަނީ ލޯންޑާ ކުރުމުގެ ދައުވާ އުފުލާފައެވެ.
ޖައިޝާންގެ މައްޗަށް އުފުލާފައި ވަނީ، ޓެކުމުގެ ކުށުގެ 20 ދައުވާއާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 27 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 47 ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ތިން ދައުވާއާއި މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ.
އެގޮތުން މި މައްސަލައިގައ ގެއްލުން ލިބުނު ފަރާތްތަކަށް އެ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މަންޑޭއާއި ޖައިޝާންގެ މައްޗަށް އުފުލާފައިވާ 201 ދައުވާގައި އެދިފައިވާނެކަމުގައި ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ކޭޕާކު ފްލެޓުތަކުގެ މައްސަލައިގައި މަންޑޭގެ އެޕާޓްމެންޓު ވެސް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ. އޭނާ އެ އެޕާޓްމެންޓު ގަތީ އެޑްވާންސްކޮށް ކޭޕާކް އެޕާޓްމެންޓު ގަންނަން މީހުން އަތުން ނުއަގުގައި ފައިސާ ނަގައިގެން ކަމަށް ތުހުމަތު ކުރެއެވެ.
ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވާކަމަށެވެ.