ރިސޯޓް މުވައްޒަފުންނަށް އޮފްގެ ގޮތުގައި ދެ ދުވަސް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވައިފިއެވެ.
ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުން ކުރައްވަމުން މައުރޫފް ވިދާޅުވީ ހާރު ވަޒީފާއާ ބެހޭ ގާނޫނުގައި އޮފް ދުވަހުގެ ގޮތުގައި ހަފްތާއަކު އެއް ދުވަސް ދޭން ޖެހޭނެ ކަމަށް އޮތް ނަމަވެސް، ބައެއް ކުންފުނިތަކާއި ބައެއް ރިސޯޓްތަކުން އޮފް ދުވަސް ހަފްތާއަކު ނުދޭކަން ފާހަގަކުރާ ކަމަށެވެ.
“އެއީ ވަރަށް މުހިންމު މަގްސަދަށްޓަކައި އެކަން އޮންނަ، މާއްދާއެއް ކަމަށް އަޅުގަނޑު ފާހަގަކުރަން،”. އޭނާ ވިދާޅުވިއެވެ.
“ހަފްތާއަކު ދެ ދުވަސް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަނޑައަޅަން ޖެހޭ ސަބަބަކީ، ޓޫރިސްޓް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އާއްމު ގޮތެއްގައި އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުން ދަނީ ވަކި ކުޑަކުޑަ ރަށެއްގައި ނުވަތަ ރިސޯޓްގައި، ދެ ދުވަސް ދެވިއްޖެ ކަމުގައިވަނަ، އެ ފަރާތްތަކަށް އެއް ދުވަސް އެއީ އެކިއުމިލޭޓް ދުވަހުގެ ގޮތުގައި ބަލާ، އަނެއް ދުވަހަކީ ރިސޯޓްގައި އޮފް ނެގޭނެ ދުވަހެެއްގެ ގޮތުގައި ކަނޑައެޅިގެން ދާނެ، އަދި އޮފްތައް އެކިއުމިލޭޓް ކުރެވިގެން ގޮސް ދެ މަސް ދުވަސް އެއްކޮށްލައިގެން އަށް ދުވަސް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކިއުމިލޭޓް ކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނެސް، އެ ވާހަކަ ގާނޫނުގައި ލިޔަން އެބަ ޖެހޭ،”. މައުރޫފް ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ މިހާރު ގާނޫނު އޮންނަ ގޮތުން ފޮތްތައް އެއްކުރުމުގެ ބާރު އޮންނަނީ ވަޒީފާ ދޭ ފަރާތަށް ދޫކޮށްލެވިފައި ކަމަށާއި ވަޒީފާދޭ ފަރާތުން ބޭނުންވާނަމަ އެފޮތްތައް އެއް ކުރެވޭ ގޮތަށް މިހާރު އޮންނައިރު، އެހެން އޮތް އޮތުން ބަދަލުކޮށް ގާނޫނުން އޮފްތައް އެއް ކުރުން ލާޒިމް ކުރަން ޖެހޭނެ ކަމަށެވެ.