ޔާމީން ރަޝީދު މަރާލި މައްސަލާގައި ދަށު ކޯޓުން ދެ މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ރަނގަޅު ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
އޭޕްރީލް 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މިމީހުންގެ ތެރެއިން ހައިޝަމާއި ޒިހާންގެ މައްޗަށް ދަށު ކޯޓުން ވަނީ އުމުރަށް ޖަލަށްލާން ޙުކުމްކޮށްފައެވެ.
ދަށު ކޯޓުގެ ނިންމުން ހައިކޯޓުގައި އެދެމީހުންގެ ފަރާތުން އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ އެ ދެ މީހުންނާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސް ދިނީ އެކަމުގައި ބައިވެރިވި މީހެއް ކަމަށް ތުހުމަތު ކުރިޔަސް، އެ މީހުންގެ ހެކިބަހުގައި އެފަދަ ކަމެއް ފާހަގަނުވާ ކަމަށެވެ. އަދި އެކަން ދަށު ކޯޓުން ވެސް ފާހަގަ ކޮށްފައިވާ ކަމަށާއި އެހެންވެ، އެ މީހުން ހެކިބަސް ދިނުން މަނާވާ ހާލަތްތަކެއް އެ މައްސަލާގައި ފެންނަން ނެތް ކަމަށެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި ހުރި ކެމެރާ އަނބުރާލާ މަންޒަރު ވީޑިއޯތަކުން ފެންނައިރު، އެ ކެމެރާ ބޭރުން ނެގި ފިންގަޕްރިންޓާއި ހައިޝަމްގެ ފިންގަޕްރިންޓާ ދިމާވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި ފިންގަޕްރިންޓް ނެގުމަށް އަމަލުކުރި އިޖްރައާތާ މެދު ދަށު ކޯޓުގައި ސުވާލު އުފެއްދި ނަމަވެސް އެކަން ހިނގި ގޮތް ދަށު ކޯޓުން ބެލި ކަމަށާއި އަދި ފިންގަޕްރިންޓްގެ ސައްހަކަމާ މެދު ސުވާލެއް ނެތް ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިމައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ އެނަލިސިސް ރިޕޯޓް ތައްޔާރުކުރި ފުލުހުންގެ ހެކިބަހާ މެދު ދިފާއީ ވަކީލުން ސުވާލު އުފެއްދި ކަމުގައިވީ ނަމަވެސް އެ ފުލުސް މީހާ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރުމަކީ އޭނާގެ ބަސް ގަބޫލު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
މިއަށްފަހު ދައުލަތުން ފާހަގަ ކުރި ކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު ދައުލަތުން އެދިފައި ވަނީ ހައިޝަމާއި ޒިހާން ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ދިނުމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު އަޑުއެހުމެއް ބާއްވާނެކަމަށް މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރުމަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ.