ބޯހިޔާވަހިކަމާއި ގުޅުންހުރި ސިޔާސަތުތައް އެކުލަވައިލައި ޤާނޫނީ ބަދަލުތައް ދިރާސާކުރުމަށްޓަކައި “ގެދޮރުވެރިކަމުގެ ކޮމިޓީ”ގެ ނަމުގައި ރައްޔިތުންގެ މަޖިލިހުން ދާއިމީ ކޮމެޓީއެއް އުފައްދައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 115 ވަނަ މާއްދާ އަށް އަކުރެއް އިތުރުކޮށް އުފެއްދި މި ކޮމެޓީގައި މެންބަރުން ތަމްސީލު ކުރައްވާނެ ގޮތުގެ ރިޕޯޓު މެންބަރުންނަށް ހިއްސާކުރެވިފައިވާ ކަމަށާއި އެ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމާމެދު ވޯޓަށް އެހުން މިއަދުގެ ވޯޓު ގަޑީގައި ކުރިއަށްދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އަލަށް އެކުލަވާލެވުނު މި ކޮމެޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެނީ، ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމައި ބޯހިޔާވަހިކަމާގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި ގެދޮރުވެރިކަމާ ގުޅޭ އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުމެވެ.
މީގެ ތެރޭގައި ސަރުކާރުން ރާވައި ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި މަސައްކަތްތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުންވެސް ހިމެނެއެވެ.
މިއަދު އުފެއްދި ގެދޮރުވެރިކަމުގެ ކޮމިޓީ” އުފެއްދުމުގެ ކުރިން މަޖިލިހުގައި އޮންނަނީ ދާއިމީ ތިން ކޮމިޓީއަކާއި ދައުލަތުގެ އިދާރާތަކާ ބެހޭ ދާއިމީ 15 ކޮމިޓީއެކެވެ.