ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުހުން ބުނެފި އެވެ.
ގައުމީ ބޭންކް ބީއެމްއެލްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ފާސްކޮށްފައިވާ ރިޕޯޓުގެ ނިންމުންތަކަށް އަމަލުކޮށްފައިވާ މިންވަރު ސާފުކުރުމަށް މިއަދު ފުލުހުންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރުމުން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ ގާނޫނުގެ ދަށުން ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން އެ ފައިސާ ދައުރުވާ ސަބްސިކުއެންޓް އެކައުންޓްތަކުގައި ފައިސާ ހޯލްޑްކުރެވޭނެ ނުވަތަ ހިފެހެއްޓޭނެ މެކޭނިޒަމެއް ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޭމްގެ ރިޕޯޓް ކުރުމާއިއެކު ބޭންކް އެކައުންޓެއްގައި ހުންނަ ފައިސާ ހުއްޓުވުމަށްޓަކައި ފުރަތަމަ ވެސް ކޯޓު އަމުރެއް ހޯދަން ޖެހޭ ކަމަށެވެ.
“އެކަމަކު މިހާރު ސްކޭމްގެ މައްސަލަތަކުގައި އަޅުގަނޑުމެންނަށް ކޯޓު އަމުރެއް ނަގާނެ ފުރުސަތެއް ނުލިބޭ، އެކަން މި ހިނގަނީ ވަރަށް ރެޕިޑްކޮށް (އަވަސްއަވަހަށް). އެހެންވީމަ އަޅުގަނޑުމެންނަށް ގާނޫނުގެ ތެރެއިން އެކައުންޓްތަކުގައި ދައުރުވަމުންދާ އެ ފައިސާ ހުއްޓުވޭނެ ގޮތެއް އެބަ ބޭނުންވޭ،” މަރިޔަމް ވިދާޅުވި އެވެ.
“މިހާރުން މިހާރަށް ހައްލު ބޭނުންވާ ކަމެއް މިއީ ގާނޫނީ ގޮތުން، އެކައުންޓުތަކުގައި މި ދައުރުވަމުންދާ ފައިސާ އިމީޑިއެޓްލީ ކޯޓު އަމުރަކާ ނުލައި ހުއްޓުވަން އެބަ ބޭނުންވޭ. އެހެން ނޫނީ ރެޕިޑް ރެސްޕޮންސް ރިކަވަރީގެ ކަންތައްތަކެއް ނުކުރެވޭނެ.” އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މިމައްސަލަ އާއި ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހާއި ބައްދަލުވުމަށް ބައްދަވުން ތާވަލް ކުރުމަށްފަހު ފަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯޓު އަމުރަކާއި ނުލާ މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ހޯދަން ޖެހޭ މައުލޫމާތު މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ހޯދަން ޖެހޭ މައުލޫމާތު ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށާއި ސްކޭމްތައް ހުއްޓުވުމަށް މުއާސަލާތީ ހިދުމަތް ދޭ ފަރާތްތަކުން ރިއަލް ޓައިމްގައި ފުލުހުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމަކީ މިހާރު އަޅަންޖެހޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.