އައްޑޫ ސިޓީގެ ހިތަދޫގައި އަންހެނަކު ފެންވަރަން ހުއްޓާ ފާހަނާގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ، ފުލުހުންގެ ބޮޑީ ވޯން ކެމެރާއިން އެ މަންޒަރު ރެކޯޑްކުރި ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގު ކޮށްފިއެވެ.
ފުލުހުން މީޑިއާތަކާއި ހިއްސާ ކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިތަދޫގެ ގެއެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ އެޕާޓްމަންޓަށް ފުލުހުން ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުން ވެސް ދޮރު ނުހުޅުވުމުން އެ އެޕާޓްމަންޓަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުންކޮށްގެން ތަޅު ހަލާކު ކޮށްލައިގެން ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ އެޕާޓްމަންޓްގެ ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް އެދުމުން ވެސް ދޮރު ނުހުޅުވުމުން ފުލުހުން އެތަނަށް ވެސް ވަދެފައި ވަނީ ބާރުގެ ބޭނުންކޮށްގެނެވެ.
“އޭގެ ތެރެއިން އެއް ކޮޓަރީގައި ފެންވަރައިގެން ނުކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވަނީ ދޮރު ލެއްޕުމަށް ފަހު ކޮޓަރިން [އަންހެން މީހާ އަށް] ނުކުތުމަށް ފުރުސަތު ދީފައި،” ފުލުހުން ބުންޏެވެ.
“އެޕާޓްމަންޓްގެ އެއްވެސް ފާހާނައެއްގެ ދޮރު ވައްޓާލައި ވަދެފައި ނުވާކަން ފާހަގަކުރަން. އަދި މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައި ނުވާކަން މި ފުރުސަތުގައި ފާހަގަކޮށްލަން.” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.
މި އޮޕަރޭޝަން ހިންގުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ރިވިއުއެއް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.