އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ގޮސް ގިނަބަޔަކު މަރުވި ހާދިސާއާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އިންޑިއާގެ މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ އެކަނިވެސް މަނީޕޫރުގެ އެކި އަވަށްތަކަށް ވަނީ މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހިފައެވެ.
މޫސުން ގޯސްވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކެރެލާއިން ވެސް 151 މީހުން މަރުވެ ގިނަ ބަޔަކު ގެ ތަކުގައި ތާށިވެފައި ތިބިކަމަށް ކަމާއިބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
މިހާދިސާ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރަށް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެގައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ހަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތް ކަމަށް ވިދާޅުވި އެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި އެމީހުން ސަލާމަތް ކުރުމުގައި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުސަތެއްގައި ނިމިގެން ދިއުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވައި، ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.