ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރާ ފުރަތަމަ 4000 ފްލެޓްގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައިފިއެވެ.
ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ސަރުކާރުން މި ނިންމުން ނިންމަވާފައިވަނީ ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯއްދަވާދެއްވުމަށެވެ.
ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރާއެކު މޯލްޑިވްސް ކަސްޓަމްސްއިން ވަނީ ޖުލައި 30 ވަނަ ދުވަހު މި ކަމާ ގުޅޭ ބައްދަލުވުމެއް ބާއްވާފައެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި ކަސްޓަމްސްއަށް 100 ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވެސް ވަނީ ދެއްވާފައެވެ.
އެގޮތުން 3 ކޮޓަރީގެ 85 ފްލެޓާއި، 2 ކޮޓަރީގެ 15 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއްބަސްވުންތައް ހެދުމުގެ މަރުހަލާގައި ފްލެޓް ލިބޭ ފަރާތްތަކަށް ގުޅަމުންދާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.