ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުންގެ ނަންތައް ހާމަކުރައްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ހަވީރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު ފަރުމާ ކުރެވިފައި އޮތް ގޮތުން ގޭންގުތަކަށް ފިޔަވަޅު އެޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެގޮތުން އެގާނޫނުގައި ގޭންގުތައް ބަޔާންކޮށްފައިވާ ގޮތުން ގޮންޖެހުންތައް ކުރިމަތިވާތިވާ ކަމަށާއި އެހެންކަމުން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ މިހާރު އޮތީ ގާނޫނަށް އިސްލާހު ގެނައުމުގެ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ.
ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަން ފާހަގަކުރައްވާ އިހްސާން ވިދާޅުވީ މީގެ 14 އަހަރު ކުރިން ހަދާފައިވާ ގާނޫނަށް އިސްލާހު ގެނައުމުން ގޭންގުތާކައި ދެކޮޅަށް އަޅާ ފިޔަވަޅުތައް ފެނިގެންދާނެ ކަމަށާއި އެގޮތުން އެއިސްލާހާއި އެކު ގޭންގުތަކުގެ ނަންތަކާއި އެ ގްރޫޕުތަކުގައި އުޅޭ މީހުންގެ ނަންތައް ހާމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“މި ވަގުތު ގާނޫނުތައް ހުރި ގޮތުން [ގޭންގުތަކާ ގުޅޭގޮތުން] އަވަސް ފިޔަވަޅު އެޅެން ނެތް. ނަމަވެސް، އެ ގާނޫނު ޑްރާފްޓު ކޮށްފައި ފައިނަލް ކުރާނަން މިހާރު ހުރި ހުރިހާ ޗެލެންޖަކަށް އެޑްރެސް ކޮށްފައި. މާނައަކީ ގޭންގުތަކުން ކުށް ކުރާ މީހުންނާއި ގޭންގުތަކުން ވިޔަފާރީގެ ތެރޭގައި އުޅުމާއި ހުރިހާ ކަމަކަށް ދާއިމީ ހައްލެއް ގެނެވޭނެ ގާނޫނީ ބަދަލު އަޅުގަނޑުމެން ގެންނާނަން. ގެނެސްފައި އެއާ އެއްގޮތަށް އަމަލުކުރަން ފަށާނަން،” މިދިޔަ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރަމުން ނޫޅެވޭނެ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
“އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،” މިނިސްޓަރު ވިދާޅުވި އެވެ.