ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޚަމާސްގެ ސިޔާސީ ބިއުރޯގެ ޗީފް އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަކޮށްލި މައްސަލަ ރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.
އެވުޒާރާއިން ވަނީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނު ދަމަހައްޓުމަށާއި ޣައްޒާގެ ދަތިކަމަށް އަވަސް އަދި ދެމިއޮންނަ ހައްލެއް ހޯދައި، މި ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުން ކަށަވަރުކުރުމަށް ހުރިހާ ޤައުމުތަކަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށް ބުނެފައެވެ.
ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލާފައި ވަނީ ޔަހޫދީން އީރާނުގެ ވެރިރަށް ތެހެރާންގައި ދިން ހަމަލާއެއްގައެވެ.
ހާނިއްޔާ އަވަހާރަ ކޮށްލާފައި ވަނީ އޭނާ އީރާންގެ ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އީރާން ވަޑައިގެން އީރާންގެ ވެރިރަށް ތެހެރާނުގައި ހުއްޓައެވެ. މިހަމަލާއާއި ގުޅިގެން އީރާންގެ ރައީސް ޕެޒެޝްކިއަން ވަނީ އިޒްރޭލަށް އިންޒާރުދީ މިހަމަލާ އަކީ ވަރަށް ފިނޑި އަމަލެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މިހަމާލާ ތަހުގީގު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައިވާއިރު، މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.