ޓެކްސީ ކާރެއް ޓޯ ކުރުމުގެ ތެރޭގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން ފުލުހުންގެ އިހުމާލެއްވޭތޯ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ކާރަށް ލިބުނު ގެއްލުން ދައްކުވައިދޭ ފޮޓޯތައް އާންމުކޮށްފައިވާއިރު، ފޮޓޯތަކުން ފެންނަ ގޮތުން ކާރުގެ ކުރިމަތީ ބިއްލޫރިގަނޑު ތަޅައިގެންގޮސް ކާރަށް ވަނީ އިތުރު ބޮޑެތި ގެއްލުންތައް ވެފައެވެ.
ކާރުގެ ފޮޓޯތައް ހިއްސާ ކުރި މީހާ ވަނީ ސޯޝަލް މީޑިއާގައި މިކަމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ ސުވާލުކޮށް، ކަމާ ގުޅުން ހުރި މުއައްސަސާއަކަށް މައްސަލަ ހުށަޙަޅައިފިނަމަ އެމައްސަލައެއް ބެލުމަށް ބޮޑެތި ޚަރަދުތައް ކުރަން ޖެހޭނެ ކަމަށް އޭނާ ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.
“މިއީ ރާއްޖެ ނޫން ކޮން ޤައުމެއްގައި ވެހިކަލް ޓޯ ކުރާ ގޮތެއްތޯ؟ ރައްޔިތުމީހާ ދެން ޖެހޭނީ ކޮންމެސް މުއައްސަސާއަކަށް މައްސަލަ ލާން، އެކަމުގައި އެތަކެއް އަހަރެއް ހޭދަ ކުރަން ދޯ؟” އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ އެ ކާރަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް ވެރިފަރާތަށް އެހީތެރިވެދޭނެ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ބަލައި އިހުމާލެއްވޭތޯ ތަހުޤީގު ކުރާނެ ކަމަށެވެ.
މިފަހަކަށް އައިސް ގަވާއިދާއި ޚިލާފަށް މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މިއަދު ވެސް ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއް ފުލުހުން ޓޯ ކުރާ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.