ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގް އަދި ފަވަރަ މެދުވެރިކޮށް ޖަމާކުރާ މުސާރައާއި އެ ނޫންވެސް ބޮޑެތި ޓްރާންސެކްޝަންތައް ޕްރޮސެސްކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މި ކަން އަންގާ ބީއެމްއެލުން ވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއް އާންމުކޮށްފައެވެ. ބީއެމްއެލުން ހާމަކުރި ގޮތުގައި ބޮޑެތި ޓްރާންސެކްޝަންތައް ޕްރޮސެސްކުރުމަށް payroll@bml.com.mv އަށް ހުރިހާ ފަރާތްތަކަކުން ވެސް މެއިލް ކުރުމަށް ބީއެމްއެލުން އެދެއެވެ.
މި ބަދަލު ގެނެވުނީ ކަނޑައެޅިގެން ވަކި ސަބަބަކާ ހުރެކަމެއް ބީއެމްއެލުން ހާމައެއް ނުކުރެއެވެ. ނަމަވެސް ދާދި ފަހުން ފެންމަތިވެގެން އުޅޭ ލިލީ ބީޗު ރިސޯޓުގެ މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގައި ދިމާވި މައްސަލައާ މި ބަދަލާ ގުޅުމެއް ވާކަމަށް ވަރަށް ގިނަ މީހުން ގަބޫލުކުރެއެވެ.
ލިލީ ބީޗު ރިސޯޓުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ އެކައުންޓަށް މުސާރައިގެ ގޮތުގައި 77 ބިލިއަން ޑޮލަރު ޖަމާކޮށްދެވިފައި ވަނީ މުސާރައިގެ އަދަދުގެ ގޮތުގައި އެކައުންޓު ނަންބަރު ޖެހިފައިވުމުންނެވެ.