އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުންދާތީ އެ ޤައުމަށް ދަތުރުކުރާ ދިވެހިންނާއި އެ ޤައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މުސްލިމުންނާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒަހަރާކުރަމުންދަނީ އެ ގައުމުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި މިދިޔަ ހޯމަ ދުވަހު ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ބަޔަކު ވަދެ، ވަޅިން ދިން ހަމަލާތަކެއްގައި 3 ކުޑަ ކުދިން މަރުވުވުމުގެ ސަބަބުންނެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރުވާންޑައަށް ނިސްބަތްވާ 17 އަހަރުގެ މުސްލިމެއްކަމަށް ރިޕޯޓުތަކުގައިވެއެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ކޮންސިއުލާ އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ. ފޯނު އަދި އީމެއިމް މެދުވެރިކޮށް ވެސް ހައިކޮމިޝަނާ މުއާމަލާތް ކުރެވޭނެއެވެ.
- ފޯން: (44)02072242135
- އީމެއިލް: info@maldiveshighcommission.org
އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންގެންދާކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުންޏެވެ. އަދި އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމަށާއި އަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބައަވުމަށް މިނިސްޓްރީން އިލްތިމާސްކުރިއެވެ.