ދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:00 ހާއިރު ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަށް ގޮސް އުޅުނު ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިފައިވާކަމަށާއި އެ މައްސަލައާއި ގުޅިގެން އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވާކަމަށެވެ.
އެގޮތުން ހަތިޔާރު ބޭނުންކޮށްގެން ހިންގި މި މާރާމާރީގައި ބޭނުންކޮށްފައިވަނީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މާރާމާރީ ހިންގާފައިވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނަކާއި 39 އަހަރުގެ އިންޑިއާ ފިރިހެނެއްގެ ދެމެދުގައެވެ. މި މައްސަލައިގައި ފުލުހުން ހައްޔާރުކޮށްފައިވަނީ 37 އަހަރުގެ މީހާއެވެ.
އަނެއް މީހާއަށް އަނިޔާވެ ވަނީ ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ.
އަދި ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.