ބަންގްލަދޭޝްގައި އެގައުމުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާ ހޫނުވެ، ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ގަނޑުވަރަށް ރައްޔިތުން ވަނުމުން ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ޝެއިޚް ހަސީނާ ގައުމުން ފިއްލަވާ ވަޑައިގެންފި އެވެ.
ބަންގްލަދޭޝްގައި އިއުލާންކޮށްފައިވާ ކާފިއުގެ އަމުރަށް ތަބާނުވެ ރައްޔިތުން ބޮޑުވަޒީރުގެ ގަނޑުވަރަށް ވަނުމުން ހެލިކޮޕްޓަރެއްގައި ހަސީނާ ވަޑައިގެންނެވީ އިންޑިއާއަށް ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އޭއެފްޕީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަސީނާ އާއި އޭނާގެ ދައްތަ ބޮޑުވަޒީރުގެ ގަނޑުވަރު ދޫކުރައްވާ ވަޑައިގަތީ އަމާން ތަނަކަށް ވަޑައިގަތުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް މުހާތަބުކުރައްވާ ވާހަކަދައްކަވާ މެސެޖެއް ރިކޯޑް ކުރައްވަން ހަސީނާ ބޭނުންފުޅުވެ ވަޑައިގެންނެވި ނަމަވެސް އެކަމަށް ފުރުސަތެއް ނުލިބުން ކަމަށް ހަސީނާގެ އަރިސް ބޭފުޅަކާއި ހަވާލާދީ އޭއެފްޕީ އިން ބުނެފައިވެ އެވެ.
އެގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިއަދުގެ މުޒާހަރާގައި 400،000 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެ ވަނީ މަގުތައް ފުރާލާފަ އެވެ. ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން ހަސީނާގެ ގަނޑުވަރުކޮޅު ހުރި ހިސާބުގެ މަގުތައް ބަންދުކޮށްފައިވީ ނަމަވެސް މުޒާހަރާގެ ބައިވެރިން ގިނަވުމާއި ގުޅިގެން ސަލާމަތީ ބާރުތަކަށް މުޒާހަރާ ކޮންޓްރޯލް ނުވެ، ގަނޑުވަރަށް މުޒާހަރާގެ ބައިވެރިން ވަނީ ކަމަށް ވެސް އޭއެފްޕީ އިން ރިޕޯޓް ކޮށްފައިވެއެވެ.
ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން އިއްޔެ 98 އެކަނި މީހުން މަރުވެފައިވާއިރު، މިމުޒާހަރާތައް ފެށުމަށްފަހު 300 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ހަސީނާ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެމުން އެގައުމުގެ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ވަކަރް-އުޒް-ޒަމާން ގައުމާއި މުހާތަބު ވިދާޅުވީ ސަރުކާރު އެކުލަވާލެވެން ދެން ގައުމު ހިންގާނީ ވަގުތީ ސަރުކާރަކުން ކަމަށެވެ. އޭނާ ވަނީ ބަންގްލަދޭޝްގެ އަސްކަރިއްޔާއަށް އިތުބާރު ކުރުމަށް އެގައުމުގެ މީހުންނަށް ގޮވާލާފައެވެ. އަދި އަސްކަރިއްޔާއިން އެގައުމަށް އަމާންކަން ގެނެސްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިހަމަނުޖެހުމުގެ ތެރޭގައި މަރުވެފައިވާ ކޮންމެ މީހަކަށް އިންސާފު ލިބޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ މިވަގުތުގައި ކެތްތެރިވެ އަނިޔާވެރިކަމާއި ދުރުވެ ތަންތަން ހަލާކު ކުރުން ހުއްޓާލުމަށް ވެސް އާންމު ރައްޔިތުންގެ އަރިހުން އެދިފައެވެ.