ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާއި ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަން އިން ބަންގްލަދޭޝްއަށް ކުރަމުންދާ ދަތުރުތައް މެދުކަނޑާލައިފި އެވެ.
މޯލްޑިވިއަން އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާއި ގުޅިގެން ރާއްޖެއިން މިއަދު ބަންގްލަދޭޝްގެ ޑާކާއަށް އަދި ޑާކާއިން ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް ބަންގްލަދޭޝްގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި ފަސެންޖަރުންނަށް އެހީތެރިކަން ދެމުންދާނެ ކަމަށާއި އެންމެ އިސްކަމެއް ދެނީ ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ވެސް މޯލްޑިވިއަންއިން ބުނެއެވެ.
ބަންގްލަދޭޝްގައި މިހާރު ކުރަމުންދާ މުޒާހަރާ އަކީ އެގައުމުގެ ކޯޓާ ނިޒާމުގައި ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 30 ޕަސެންޓް 1971 ވަނަ އަހަރު އެގައުމުގެ މިނިވަން ކަމަށް ހަނގުރާމަ ކުރި މީހުންގެ އާއިލާތަކަށް ލިބޭ ގޮތަށް ކަނޑައަޅާފައި އޮތުމުން އެކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކެކެވެ.
މިމުޒާހަރާގެ ތެރެއިން އެގައުމުގެ ސަލާމަތީ ބާރުތަކާ އާންމުންނާއި ދެމެދު ހިނގާފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި 300 މީހުން މަރުވެފައިވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނާއިރު، އާންމުން ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ގަނޑުވަރުކޮޅަށް ވަނުމުން ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާ ގައުމުން ފިއްލަވާފައެވެ.
މިއަށްފަހު އެގައުމުގެ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ވަކަރް-އުޒް-ޒަމާން ގައުމާއި މުހާތަބު ކުރައްވާ ސަރުކާރު އެކުލަވާލެވެން ދެން ގައުމު ހިންގާނީ ވަގުތީ ސަރުކާރަކުން ކަމަށާއި ބަންގްލަދޭޝްގެ އަސްކަރިއްޔާއަށް އިތުބާރު ކުރުމަށް ވަނީ އެގައުމުގެ މީހުންނަށް ގޮވާލާފައެވެ.