އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހީންގެ މައުލޫމާތު އެގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ ހިއްސާ ކުރަން އެދިއްޖެއެވެ.
އިނގިރޭސިވިލާތުގައި އުޅޭ ދިވެހީންގެ މައުލޫމާތު ކޮމިޝަނާއި ހިއްސާ ކުރުމަށް ކޮމިޝަނުން އެދިފައި ވަނީ އިނގިރޭސިވިލާތުގެ އިރުމަތީ ބިތުގެ ސައުތްޕޯޓުގައި ވަޅިން ހަމަލާދީ 3 ކުއްޖަކު މަރުވި ހާދިސާގައި އެކަން ކުރީ މުސްލިމް ޒުވާނެއް ކަމަށް ބުނެ ފެތުރި ދޮގު މައުލޫމާތަކާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުންނެވެ.
ކޮމިޝަނުން އެދިފައިވާ މައުލޫމާތުތައް އީމެއިލް މެދުވެރިކޮށް ހިއްސާ ކުރުމަށާއި ކޮމިޝަނާއި ގުޅޭ ފޯން ނަންބަރު ހިއްސާކޮށް، ދަރިވަރުން ހަޔާ އެޑިއުކޭޝަންގައި ރަޖިސްޓްރީ ކުރުމަށް ކިއުއާރް ކޯޑެއް ވެސް ކޮމިޝަނުން ވަނީ ހިއްސާ ކޮށްފައެވެ.
ސައުތުޕޯޓުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމަކީ ސައުތުޕޯޓުގައި ހިނގާ ޑާންސް ކްލާހުގެ 3 ދަރިވަރަކަށް ވަޅިން ހަމަލާދީ މަރާލާފައި ވަނީ ޔޫކޭއަށް ހިޖުރަ ކޮށްގެން އުޅޭ އުމުރުން 17 އަހަރުގެ މުސްލިމް ކުއްޖެއް ކަމަށް ބުނެ އެގައުމުގެ ބައެއް މީޑިއާތަކުން ދޮގު ޚަބަރު ފެތުރުމާއި ގުޅިގެން ހިނގާ ހަމަނުޖެހުމެކެވެ.
މިހަމަނުޖެހުމާއި ގުޅިގެން އިނގިރޭސީވިލާތުގެ ސަރުކާރުން ވަނީ ހަމަނުޖެހުން ހިންގަމުން ދާ ފަރާތްތައް ހުއްޓުވައި އެމީހުނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މީގެއިތުރުން، މިއީ މުސްލިމެއް ކުރި ކަމެއް ނޫން ކަމަށާއި މިއަނިޔާވެރި ޢަމަލަކީ ހިނގާފައިވަނީ އިނގިރޭސިވިލާތަށް އުފަން އިނގިރޭސި ރައްޔިތެއް ކަމަށް ވާ އެލެކްސް ރުދަކަބާނާ ނަމަކަށް ކިޔާ މީހަކު ކަމަށް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށް ފަހު ވަނީ ހާމަވެފައެވެ.