އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ފަލަސްތީނުގެ މައްސަލަ އާއި މެދުއިރުމަތީގެ މަސްރަހު ގޯސް ވަމުންދާ މައްސަލާގައި މަޝްވަރާކުރުމަށް ބާއްވާ ޚައްސަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިޔާއަށް މިރޭ ފުރާވަޑައިގަންނަ ވާނެ އެވެ.
ފޮރިން މިނިސްޓްރީން ސައުދީ އަރަބިޔާގެ ޖިއްދާގައި ބާއްވާ އެ ބައްދަލުވުމަކީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފުމާއި އީރާނުގެ މިނިވަންކަމާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ހާރިޖީ ވަޒީރުންގެ ފެންވަރުގައި އޯއައިސީން މާދަމާ ބާއްވާ ހާއްސަ ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު އިޒްރޭލުން މެދުކެނޑުމެއް ނެތި ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ތަގުރީރު ދެއްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޚަމާސް ޖަމާޢަތުގެ ވެރިޔާ ހާނިއްޔާ އަވަހާރަކޮށްލުމުގެ މައްސަލައިގައި އިޒްރޭލަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނާއި ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ދީފައިވާއިރު، މިކަމާއި ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ކުރިއަށްވުރެއް ބޮޑަށް ހޫނުވެފައެވެ.
މިކަމާއި ގުޅިގެން އެމެރިކާއިން ވަނީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ވަރުގަދަ ކޮށްފައެވެ. އަދި އިޒްރޭލުން ވެސް ވަނީ ހަނގުރާމައަށް ތައްޔާރު ކަމަށް ބުނެފައެވެ.