އެސްޓީއޯ އިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އަޅާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފި އެވެ.
އެސްޓިއޯއިން ބުނެފައިވާ ގޮތުގައި އެކުންފުނިން 25 ފަންގިފިލާގެ ކޮމާޝަލް އިމާރާތެއް އެޅުމަށް ނިންމާފައިވަނީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެގޮތުން މިއިމާރާތުގައި އޮފީސް ޖާގައަށް ހާއްސަ ބަޔަކާއި ޓްރެއިނިން ސެންޓަރަކާއި މަލްޓިޕާޕަސް ހޯލާއި ކެފެޓީރިއާއާއި ރެކްރިއޭޝަނަށް ހާއްސަ ބައެއްގެ އިތުރުން ވެލްނެސް ސެންޓާ ފަދަ ވަސީލަތްތައް ހުންނާނެ ކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ.
އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި 25 ބުރީގެ މި އިމާރާތް ތަރައްގީ ކުރާނީ މަޝްރޫޢުގެ 15 ޕަސެންޓު އިކުއިޓީ އެސްޓީއޯން ދޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ކަމަށާއި ކޮންޓްރެކްޓަރާ މި މަސައްކަތް ހަވާލުކުރަނީ އިންޖިނިއަރިން، ޕްރޮކިއުމަންޓު އަދި ކޮންސްޓްރަކްޝަން (އީޕީސީ) މޮޑެލްގެ ދަށުން ކަމަށެވެ.
މިއިމާރާތް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 18 މިލިއަނަށް ވުރެ އަގުބޮޑު މަޝްރޫއެއް ހިންގާފައިވާ ކުންފުންޏަކަށް ވުމުގެ އިތުރުން، ފާއިތުވި ފަސް އަހަރު ތެރޭ އެފަދަ ބޮޑު މަޝްރޫޢެއް ހިންގާފައިވާ ޕްރައިމަރީ ކޮންޓްރެކްޓަރަކަށް ވާންޖެހޭނެ ކަމަށް އެސްޓިއޯ އިން ބުނެފައިވެއެވެ. އަދި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން ބަލައިނުގަންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެސްޓީއޯ ހެޑް އޮފީސް ހުރި އިމާރާތާއި ޖެހިގެން އޮތް ހުސް ބިމުގައި މިއިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެސްޓިއޯ އިން ވަނީ އެދިފައެވެ.