މަދިރިއާއި މީދަލާއި ބަލިޖައްސާ ބާވަތުގެ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމަށް އަމަލު ކުރާނެ ގޮތުގު އުސޫލެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައި މަދިރިއާއި މީދަލާއި ބަލިޖައްސާ ބާވަތުގެ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމުގައި އަމަލުކުރަން ޖެހޭ ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާން ކުރެވިފައިވާ އިރު، މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 43 މާއްދާއާއި އެ ގާނޫނުގެ 8 ވަނަ ބާބުގެ މާއްދާތަކާއި އެ ގާނޫނުގެ 44 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގާނޫނުގެ 96 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލާފައިވާ ގަވައިދެކެވެ.
މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ގަވާއިދުގެ މަގުސަދަކީ މަދިރިއާއި މީދަލާއި ބަލި ފަތުރާ އެހެނިހެން ސޫފާސޫފީގެ ޒަރީއާއިން ފެތުރިދާނެ ބައްޔަކުން ނުވަތަ ސިއްހީ ނުރައްކަލަކުން މުޖްތަމައު ރައްކާތެރިކުރުމެވެ. އަދި އޭގެ އިތުރުން، މީހުން ދިރިއުޅޭ ތަންތަނާއި މީހުން ދިރިނޫޅޭ ތަންތަނާއި އާންމު ތަންތަނާއި މީހުން މަސައްކަތްކުރާ ތަންތަނުގައި މަދިރިއާއި މީދަލާއި ބަލިފަތުރާ އެހެނިހެން ސޫފާ ސޫފި ކޮންޓްރޯލްކުރުމުގެ މިންގަނޑުތަކާއި އުސޫލު ކަނޑައެޅުން ވެސް ހިމެނޭ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިގަވާއިދުގައި އެކި ތަންތަނުގައި އާލާވަމުންދާ ބަލި ފަތުރާ ސޫފާސޫފީ ނައްތާލަން ޖެހޭނީ ކޮން ފަރާތްތަކެއްކަން ބަޔާންކޮށް އެތަކެތި ނައްތާލުމުގައި އަމަލުކުރަން ޖެހޭ ގޮތް ވެސް ކަނޑައަޅާ ބަޔާންކޮށްފާއިވާއިރު، ގަވާއިދާ ހިލާފުވާ ފަރާތްތައް ޒިންމާދާކުރުވައި އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައި ވެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތްވާ ގޮތުގެ މަތިން މަދިރިއާއި މީދަލާއި އެހެނިހެން ސޫފާ ސޫފި ކޮންޓްރޯލްކޮށްފައިވޭތޯ ހެލްތް ޕްރޮޓެކްޝަންއިން ކަނޑައަޅާ ފަރާތްތަކުން އިންސްޕެކްޓް ކުރާނެ ކަމަށާއި އެ ތަންތަން ބަލައި ފާސްކުރާއިރު މަދިރި ނުވަތަ މީދާ ނުވަތަ ބަލި ފަތުރާ އެހެނޮހެން ޖަނަވާރާއި ސޫފާސޫފި އާލާވާ ފަދަ ތަކެއް ހުރެއްޖެ ނަމަ ނުވަތަ އެފަދަ ތަންތަން ހުރި ނަމަ އެ ތަނެއްގެ ހާލަތަށް ބަލައި އެ ކަންކަން އިސްލާހު ކުރުމަށް ވެރިފަރާތައް އަންގާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
އަދި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާއި ބައްދަލުނުވާ މީހުންނަށް އެކަންކަން އިސްލާހް ކުރަން އަންގާ، އެމުއްދަތުގައި އިސްލާހު ނުކޮށްފިނަމަ، އެފަދަ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގައި މަދިރި މީދާ އަދި އެހެން ސޫފާސޫފި ކޮންޓްރޯލްކުރުމަށް ބޭނުން ކުރެވޭނީ އެޗްޕީއޭއިން ހުއްދަ ދީފައިވާ ބޭސް / ކެމިކަލްތައް ކަމަށާއި އެ ކެމިކަލް ބޭނުންކުރަން ވާނީ އެ ސޫފާސޫފީގެ ޒަރީއާއިން ފެތުރޭ ބަލިތައް ރަށުތެރޭގައި އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ހާލަތްތަކުގައި އެ އޭޖެންސީގެ ހުއްދަ ހޯދުމަށް ފަހުގައެވެ.