އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިނިސްޓަރު ޖައިޝަންކަރުގެ މިދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒުއަށް އިހްތިރާމްގެ ޒިޔާރަތެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މިދަތުރުފުޅުފައި އިންޑިއާގެ އެގްޒިމް ބޭންކްގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނިމިފައިވާ މަޝްރޫއުތައް ވެސް އިފްތިތާހް ކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ކެޕޭސިޓީ ބިލްޑިން ދާއިރާތަކާ ބެހޭ ގޮތުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ފޮރިން މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއީ މި އަހަރުގެ ޖޫން މަހުގައި ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.