ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީ ހަދަން ފަށައިފިއެވެ.
އެ ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ޚިދުމަތް އެ ހޮސްޕިޓަލުގައި ދެމުންދާނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުގައެވެ. ޚިދުމަތް ދެއްވުމުގައި އެ ހޮސްޕިޓަލުގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމެންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ޑރ. މުޙައްމަދު ވަޙީދުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމުގެ ގޮތުން ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއްރައްޒާޤް ޙަލީމާއި އައިޖީއެމްއެޗް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ވަޙީދު ވިދާޅުވީ ޕްލާސްޓިކް ސަރޖަރީއަކީ ހަމައެކަނި ރީތިވުމަށް ކުރާ ސަރޖަރީއެއް ނޫންކަމަށެވެ. އަދި ނުރައްކާތެރި އެކި ޙާދިސާތަކުގައި ލިބޭ އަނިޔާތަކާއި، ހާނިކަތަކުގައި ހަށިގަނޑުން ބައެއް މަދުވުމުން މަސް އަރުވައި، ހަންގަނޑު އެރުވުމަށް ވެސް މި ސާޖަރީ ކުރާކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. މީގެ އިތުރުން ރަނގަޅުނުވެ ދުވަސްވެފައި ހުންނަ ފާރުގަނޑުތައް ރަނގަޅުކުރުމަށް ވެސް މި ސަރޖަރީ ކުރާކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ޢަބުދުލްރައްޒާޤް ޙަލީމް ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީ ހަދަން ފެށުމާ ގުޅިގެން އުތުރުގެ ރަށްރަށުން މާލެއަށް ކުރަންޖެހުނު ދަތުރުތައް ނިމުމަކަށް އައީކަމަށެވެ. އަދި މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ޙަލީމް ދެއްވާފައިވެއެވެ.
އެ ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފެށުމުގެ ސަބަބުން އަލިފާނުގެ ޙާދިސާތަކުގައި ސިފަ ގެއްލޭވަރަށް ފިހުމާއި އެ ނޫން ވެސް އަނިޔާތަކުގައި ލިބޭ ހާނިއްކައިގެ ސަބަބުން ނުފިލާ ހުންނަ ލަކުނުތަކާއި ފާރުގަނޑުތައް ރަނގަޅުކުރުމުގެ ފަރުވާ އެ ހޮސްޕިޓަލުމް މިހާރު ލިބޭނެއެވެ.
މިއީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ރަށްރަށުން ލިބެން ހުރި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ރާއްޖޭގެ އުތުރުގެ ގިނަ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް ބަރޯސާވާ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. މާލެ ފިޔަވައި ރާއްޖޭގައި ޕްލާސްޓިކް ސަރޖަރީ ހަދަން ފެށި ފުރަތަމަ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.