-Advertisement-

-Advertisement-

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅު. ފޮޓޯ: ޚާރިޖީ ވަޒީރު މޫސާ ޒަމީރު

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުން ތާވަލުކުރެވިފައިވެއެވެ. ހަމައެހެންމެ އެކި ދާއިރާތަކުން ގާބިލިއްޔަތުކަން އިތުރުކުރުމަށް ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙާބާ ވިދާޅުވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. ޖަޔަޝަންކަރުގެ މި ދަތުރުފުޅަކީ ޒަމީރުގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި މަހުގެ 11ގެ ނިއަލަށް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރުގެ މި ދަތުރުފުޅު ދެމިގެންދާނެކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

އިންޑިއާގެ ފޮރިން އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، ޖަޔަޝަންކަރު ރާއްޖެ ވަޑައިގެންނެވީތީ ހޫނު މަރުހަބާއެއް ވިދާޅުވާކަމަށާއި ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް، ގުޅިގެން އެކުވެރިކަމާއެކު ކުރިއަށް ދިޔުމުގެ އަޒުމުގައި ތިއްބެވިކަމަށެވެ. އަދި އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރިއަށް ދިއުމަށާއި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި މި ދަތުރުގެ ތެރެއިން މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.

ޖަޔަޝަންކަރު ރާއްޖެ ވަޑައިގެންފައި މި ވަނީ އިންޑިއާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ސަރުކާރުން ބޭނުންވާކަން ހާމަކޮށްފައިވަނިކޮށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-