ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލަށް ވަޑައިގަންނަވާ އެ ކައުންސިލާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކުރައްވައި ރައީސް އޮފީހުން ވިދާޅުވީ،ރާއްޖޭގެ އެހެން ކައުންސިލްތަކާ ވެސް ބައްދަލުކުރައްވައި، އެ ކައުންސިލްތަކުގެ އަޑުއައްސަވާ ފަދައިން މާލޭ ސިޓީ ކައުންސިލަށްވެސް ވަޑައިގަންނަވާ އެ ކައުންސިލާއި ބައްދަލުކުރައްވާ ގޮތަށް ހަމަ ޖެހުނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.
އެގޮތުން މިއަދު 11:00 ގައި އެމަނިކުފާނު ވަނީ މާލޭ ސިޓީ ކައުންސިލަށް ޒިޔާރަތްކުރައްވާގޮތަށް ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެ ވަޑައިގަތުމުގެ ކުރިން ރައީސް ޑރ މުޙައްމަދު މުޢިއްޒުވެސް ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަޤާމުގައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ޙާލު ބައްލަވައި ކަންބޮޑުވުންތަކުގެ އަޑު އެއްސެވުމުގެ ގޮތުން މިއަހަރުގެ ކުރީކޮޅު ރައީސް ފެށްޓެވި ދަތުރުފުޅުތަކުގައި ޖުމުލަ 150 ށް ވުރެ ގިނަ ރަށްރަށަށް ވަޑައިގެން ރައީސް ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލު ކުރައްވާފައެވެ.