މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އިދާރާގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ލިބޭކަމުގައި ފާހަގަކުރައްވާފައެވެ.
އެބޭފުޅުން ވަނީ ކުރިއަށްއޮތް ތަނުގައި އެކޮމިޓީގެ މަސައްކަތްތަކަށް އަންނާނެ ބަދަލެއް އެނގިވަޑައިގެންފައިނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި އަހަރު ކުރުމަށް އެކޮމިޓީން ނިންމާފައިވާ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
މިހާތަނަށް އ.ތ.މ. ކޮމިޓީތަކުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާއި އެހެނިހެން ޗުއްޓީފަދަ ކަންކަން އެކޮމިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ނުލިބޭކަން ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި އެވެ. އަދި މިކަމަށް ހައްލެއް ގެނެވޭނީ ގާނޫނު މެދުވެރިކޮށް ކަމަށާއި އެމަސައްކަތް އެމަނިކުފާނު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އ.ތ.މ. ކޮމިޓީގެ ސްޓްރަކްޗަރަށް ބަދަލު ގެންނަވާނީ އެކަމަށް ފަންނީ ލެވެލްގައި ދިރާސާކޮށްގެން ކޮމިޓީގެ މަސައްކަތްތައް މިހާރަށްވުރެ އެފިޝަން ވާނެގޮތަށް ކަމަށާއި މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދީ މަސައްކަތް ކުރާނެ ކަމަށެވެ.