ސިޔާސީ ބޭފުޅުން ބޭންކްތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް އައްޔަން ކުރެވޭ ގޮތަށް ބޭންކްތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނެނެސް ގަވާއިދު އިސްލާހު ކޮށްފިއެވެ.
ކެބިނެޓް މިނިސްޓަރުންނާއި ގާނޫނެއްގެ ދަށުން އުފައްދާފައިވާ ދައުލަތުގެ އިދާރާއެއްގެ އެންމެ އިސް މަގާމުތަކުގައި ތިބޭ މީހުންނާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ފިޔަވައި އެހެން ފަރާތްތަކަށް ބޯޑުތަކުގައި ތިއްބެވޭނެ ގޮތަށް އެގަވާއިދު އިސްލާހުކޮށް އެމްއެމްއޭ އިން ވަނީ މިއަދު އިސްލާހު އާންމުކޮށްފައެވެ.
މީގެކުރިން ބޭންކްތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނެނެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ރައީސް އައްޔަން ކުރައްވާ ސިޔާސީ މަގާމުތަކުގައި ތިބޭ ބޭފުޅުންނަށް މާލީ އިދާރާއެއްގެ ބޯޑެއްގައި ނުތިބެވޭނެ އެވެ. އެހެންނަމަވެސް އެމްއެމްއޭ އިން އާންމުކޮށްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސްޓޭޓް މިނިސްޓަރުންނާއި އެ ނޫން ވެސް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މާލީ އިދާރާތަކުގެ ބޯޑު މެމްބަރުކަން ކުރެއްވޭނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްއޭ އިން މިބަދަލު މިފަދައިން ގެނެސްފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ލަފާގެ މަތިންނެވެ.