-Advertisement-

-Advertisement-

ހަތަރު މެމްބަރެއްގެ ނަން އިއްވައި މަޖިލިހުގެ ޖަލްސާ މެދުކަނޑާލައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލުމުގެ ސަބަބުން ހަތަރު މެމްބަރެއްގެ ނަން އިއްވައި އެ މެމްބަރުން މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަންނަވަންދެން މަޖިލިހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި މެދުކަނޑަލައިފިއެވެ.
މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ކުރިއަށްދިޔައީ ގެދޮރުވެރިކަމުގެ އެކި މަޝްރޫޢުތަކާއި ގުޅިގެން ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ އަލީ ހައިދަރާއި ސުވާލުކުރެއްވުމެވެ.
އެގޮތުން މި ފުރުސަތުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޒިޔާދު، ފުލެޓު ލިސްޓު ރިވިއު ކުރާއިރު ގޯތި ލިސްޓު ރިވިއު ނުކުރާ ސަބަބާއި ގުޅޭގޮތުން މިނިސްޓަރާއި ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ ކަމަށް ވިދާޅުވެ، ނިޒާމީ ނުކުތާތަކެއް ނަންގަވައި އެކަން ރިޔާސަތުގެ ސަމާލު ކަމަށް ޒިޔާދު ގެންނެވިއެވެ.
އެހެން ނަމަވެސް ޒިޔާދު ނެންގެވީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއެކު މެމްބަރު ވަނީ މަޖިލީހުގައި އަޑުގަދަކުރައްވާފައެވެ.
ދެވަނަ ފަހަރަށް ވެސް ނިޒާމީ މައްސަލަ ނަންގަވާ ޒިޔާދު ވަނީ އޭނާގެ ސުވާލުކުރެއްވުމަށް މަސައްކަތްކުރައްވާފައެވެ. އެހެންނަމަވެސް ރިޔާސަތުން އެ ފުރުސަތު ދެއްވާފައެއް ނުވެއެވެ.
އެއާއެކު ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރަން ފެށްޓެވުމާއެކު މަޖިލިހުގެ ރައީސް ވަނީ އޭނާގެ ނަން އިއްވާ، މަޖިލިސް ތަޅުމުން ނުކުންނެވުމަށް އަންގަވާފައެވެ.
ޒިޔާދުގެ ނަން އިއްވުމާއެކު އެމްޑީޕީގެ ދެން ތިއްބެވި ބައެއް މެންބަރުން ވެސް ވަނީ ރިޔާސަތުގެ ކުރިމަތީ ތަޅުމުގައި އަޑުގަދަކުރައްވާފައެވެ. އޭގެ ތެރޭގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ހިމެނެއެވެ.
ރިޔާސަތުން ވަނީ މި ތިން މެންބަރުންގެ ނަންވެސް އިއްވާ، މަޖިލިސް ތަޅުމުން ނުކުތުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް އަޑުގަދަކުރުން ނުހުއްޓުމުގެ ސަބަބުން ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-