ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފައިވާ އިންޝުއަރެންސްގެ ބިލު މަޖިލިހުން ބަލައިގަނެ އެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޠާރިގް(ޓޮމް) އެވެ.
އިންޝުއަރެންސް ބިލު މަޖިލިހަށް ބަލައިގަތުމާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން އެ ބިލު މަޖިލިހަށް ބަލައިގަންނަން ފެންނަ ކަމަށް 77 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ޠާރިގް ހުށަހެޅުއްވި ބިލުގައި ވާގޮތުން އިންޝުއަރެންސް ހޯދަން ދޮގު މައުލޫމާތު ދިނުމަކީ ނުވަތަ ގަސްދުގައި މައުލުމާތު އޮޅުވާލާ ހައްގު ނޫން މަންފާއެއް ހޯދުމާއި ހޯދަން އުޅުމާއި އެކަމުގައި އެހީތެރިވެދިނުމަކީ ކުށެކެވެ. އެހެންކަމުން އިންޝިއުރަންސް ހޯދަން އޮޅުވާލައިގެން ދޮގު މައުލޫމާތު ދީފިނަމަ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެނެއެވެ. ޖޫރިމަނާ ކުރުމުގެ ބާރު ދީފައިވަނީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއަށެވެ.
ހަމައެއާއެކު ރާއްޖޭގައި އިންޝުއަރެންސްގެ ވިޔަފާރި ކުރެވޭނީ އެމްއެމްއޭއިން ދޫކުރާ ލައިސަންސް ލިބިގެން ކަމަށް މި ބިލުގައި ވަނީ ބުނެފައެވެ. އެގޮތުން ލައިސަންސް ނެތި އިންޝުއަރެންސްގެ ވިޔަފާރި ކުރުން ނުވަތަ ވިޔަފާރި ކުރާކަން ދެއްކުން ނުވަތަ ވިޔަފާރި ކުރާކަން އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ. އަދި އެހެން ގައުމެއްގެ އިންޝުއަރެންސް ރެގިއުލޭޓް ކުރާ ފަރާތަކުން ދޫކުރާ ރީއިންޝުއަރެންސް ކުންފުންޏަކަށް ރީއެންޝުއަރެންސް ޚިދުމަތް ރާއްޖޭގައި ދިނުމަކީވެސް މަނާ ކަމެކެވެ.
ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތުގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަކީ މި ބިލުގެ މައިގަނޑު މަޤްސަދެވެ.
މި ބިލުގެ ބަހުސްގައި ގިނަ މެންބަރުން ބުނެފައިވަނީ ރާއްޖޭގައި މިހާތަނަށް އައިއިރު އިންޝުއަރެންސް ބިލެއް ހެދިފައި ނެތުމުގެ ސަބަބުން ރާއްޖެއިން ބޭރުގެ ކުންފުނިތަކުން އެކަން ހިންގާ ނިޒާމު ހަރުދަނާ ނޫން ކަމަށާއި އެންމެ އެދެވޭ ގޮތެއްގައި ރާއްޖޭގައި އިންޝުއަރެންސް ނިޒާމެއް ނެތް ކަމަށެވެ. އޭގެ ސަބަބުން ރާއްޖެއަށް އެތެރެވާ އާމްދަނީވެސް ބޭރުގެ ގައުމުތަކަށް ދޭން ޖެހޭކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފަތުރުވެރި ކަމުގެ ދާއިރާގައި މުޅިންވެސް ބޭރު ގައުމުތަކުގެ އިންޝުއަރެންސް އޮންނާތީ އެ ދާއިރާއިން ގައުމަށް ވަންނަން ޖެހޭ ގިނަ އާމްދަނީ ރާއްޖެއިން ބޭރުވާކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭ ބައެއް ކުންފުނިތަކުން އުސޫލުތައް އޮންނަ ގޮތުން ރައްޔިތުންގެ އަތުން މާބޮޑު ޚަރަދެއް ނުގޮސް ބޭސްފަރުވާގެ ކަންތައްތައް ހަމަޖެހެއެވެ. ނަމަވެސް އަމިއްލަ އަތުން ފައިސާ ޚަރަދުކުރުމަށްފަހު، ކުންފުނިން 14 ދުވަސް ތެރޭގައި ބަދަލު ދިންކަމުގައިވިޔަސް، އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާކަމަށް ގިނަ ރައްޔިތުން ފާހަގަކުރެއެވެ.