ޒުވާނުން ބާރުވެރިކުރުމަށް ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ފަށާފައިވާކަމަށް އެ ވުޒާރާގެ ވަޒީރު އިބްރާޙިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި ވަޙީދު ވިދާޅުވީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ބާރުވެރިކުރުމަށް ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް އެ ވުޒާރާއިން މިހާރު ގެންދަނީ ކުރަމުންކަމަށެވެ. އަދި މި ސިޔާސަތު އެކުލަވާލައްވާނީ ޒުވާނުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައިކަމަށާއި މި ސިޔާސަތު އެކުލަވާލުމުގައި އެއްވެސް ޒުވާނަކު ބާކީ ނުކުރައްވާނެކަމަށް ވަޙީދު ވިދާޅުވިއެވެ.
ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ އެންމެ ބާރުގަދަ ވަސީލަތްކަމަށާއި މާޒީއާއި މުސްތަޤުބަލު ގުޅުވައިދޭ ފާލަމަކީ ވެސް ޒުވާނުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ޒުވާނުންނަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކޮށް، ޒުވާނުންނަކީ ޤައުމަށް ފައިދާހުރި، ޤައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުގެ މަތިން ކުރެވެމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން ޒުވާނުންނާބެހޭ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތުގެ ފޮނި މޭވާ، ލަސްތަކެއް ނުވެ ދިވެހި ޒުވާނުންނަށް ލިބޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.