-Advertisement-

-Advertisement-

އައިޔޫއެމްއިން ސުކޫކް އިސްތިސްނާ މޮޑެލްގެ ދަށުން 60 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކައިފި

ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް

އިމާރާތްކުރުމުގެ މަޝްރޫއަކަށް އިސްލާމީ ޝަރީއާ ހުއްދަކުރާ ސުކޫކް އިސްތިސްނާ މޮޑެލްގެ ދަށުން 60 މިލިއަން ރުފިޔާގެ ސުކޫކެއް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ވިއްކައިފި އެވެ.

މީއީ އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުން އިމާރާތްކުރުމުގެ މަޝްރޫއަކަށް ސުކޫކް އިސްތިސްނާ މޮޑެލްގެ ދަށުން ރާއްޖޭގައި ސުކޫކް ވިއްކާފައިވާ ފުރަތަމަ ފަހަރެވެ.

މިދިޔަ 4 ޖޫން މަހުގައި ކެޕިޓަލް މާކެޓުގައި އިއުލާންކޮށްގެން އައިޔޫއެމް އިން ސުކޫކް ވިއްކާފައި ވަނީ އައިޔޫއެމްއިން ހުޅުމާލޭގައި ޓާޝަރީ ތައުލީމީ މަރުކަޒެއް އެޅުމަށް ހިންގާ ‘ސަނާބިލް’ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށެވެ.

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އެޑްމިން އެންޑް ފައިނޭންސް އަހްމަދު އަމީން މުހައްމަދު އާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ދައުރު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ރާއްޖޭގައި އިމާރާތްކުރުމުގެ މަޝްރޫއަކަށް ބޭނުންވާ ފައިސާ ހޯދަން ވިއްކި ފުރަތަމަ ސުކޫކު އިސްތިސްނާ އެވެ. އަދި އެ ސުކޫކަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ހުޅުވާލި މުއްދަތުގައި ސުކޫކުން ހޯދަން ބޭނުންވި ޖުމްލަ އަދަދު ހޯދުނު ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ސުކޫކެއްގެ މޫނުމަތީ އަގަކީ 1 މިލިއަން ރުފިޔާއެވެ. މަދުވެގެން ފަސް ސުކޫކު ގަންނަން ޖެހޭއިރު އެންމެ ފަރާތަކުން ޖުމްލަ އަދަދު ސަބްސްކްރައިބް ކުރުމުން ސުކޫކް ކާމިޔާބުވީ ކަމަށް އަމީން ވިދާޅުވި އެވެ.

“އެންމެ ފަރާތަކުން ސުކޫކުގެ ޖުމްލަ އަދަދަށް ސަބްސްކްރައިބް ކުރީ. އަޅުގަނޑުމެން 10 އަހަރުގެ މުއްދަތަކަށް، އިންސްޓޯލްމަންޓަށް ބަހާލައިގެން އެ ފަރާތަށް ފައިސާ ދައްކާނަން،” އޭނާ ވިދާޅުވި އެވެ.

އައިޔޫއެމްގެ ޕްރޮޖެކްޓު ސަނާބިލްއަކީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުން އައިޔޫއެމްއިން ގަނެފައި އޮތް ބިމެއްގައި ހުޅުމާލޭގެ ފުރަތަމަ ޓާޝަރީ ތައުލީމީ މަރުކަޒު އެޅުމުގެ އަމާޒުގައި އައިޔޫއެމްއިން ހިންގާ މަޝްރޫއެކެވެ.

މިޓާޝަރީ ތައުލީމީ މަރުކަޒުގެ ކޮންސްޓަރަކްޝަން މަސައްކަތް މިހާރު ފަށާފައިވާއިރު، މިމަރުކަޒު ތަރައްގީކުރާނީ އެންމެ ޒަމާނީ ފެންވަރަށް މަތީ ތައުލީމުގެ ގިނަ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ފަހިވާ ގޮތަށް ކަމަށް އައިޔޫއެމްއިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-