ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މާދަމާ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖެއްސެވީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރުކުރުމާއި ހިނގާބިނގާވާން ދަތިވުމާ ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގަ އެވެ.
އެގޮތުން ރައީސް ވަނީ މިހާރު ކުރަމުން މިދާ ގަދަ ވިއްސާރައިގެ ސަބަބުން ގޯތިގެދޮރަށާ އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން ގެންދާނެ ޔަގީންކަން ދެއްވާފައެވެ.