މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ހުއްޓިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އައްޑޫގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މި ސަރުކާރުން މިހާތަނަށް ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން އެއްވެސް މަސައްކަތެއް ކުރެވިފައިވޭތޯ އާއި އަދި އެފަދަ ކަމެއް ކުރެވިފައިވޭތޯ ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ސަރުކާރާއި ހަވާލުވި އިރު ބައިވަރު މަޝްރޫއުތައް މަތިކުރުވާފައިވާ ކަމަށެވެ.
ސަރުކާރުން ހުއްޓިފައި ހުރި މަޝްރޫއުތަކުގެ މަސައްކަތް އަވަސްކުރުމަށް ކޮންޓްރެކްޓަރުންނާއެކު މަޝްވަރާކުރެވިވައިވާ ކަމަށާއި ބައެއް ޕްރޮޖެކްޓަށް ނުދެއްކި ހުރި ފައިސާ މި ސަރުކާރުން ދައްކާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓްރީން އެންމެ އިސްކަންދިން އެއް ކަމަކީ އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމް މަރާމާތު ކުރުންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ ރިޕެޔާ އެންޑް މެއިންޓެނެންސްގެ ގޮތުގައި ފުރިހަމަ ކުރެވުނު ޕްރޮޖެކްޓަކީވެސް އައްޑޫ ސްޓޭޑިއަމް މަސައްކަތް ނިންމުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ އެ ރަށަކުން ބޭނުންވާ އެންމެ މުހިންމު މަޝްރޫއުތަކަށް ކަމަށާއި ކައުންސިލްތަކާ ވާހަކަދައްކައިގެން އެކަން އެގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.