ކަސްޓަމްސް ކައިރީގައި ހުންނަ މ. ހަސޯވާ ގޭގެ ދިހަވަނަ ބުރިން ވެއްޓުނު މީހާ ނިޔާވެއްޖެ އެވެ.
ފުލުހުން ވަނީ ކަސްޓަމްސް ސަރަހައްދުގެ އިމާރާތެއްގެ 10 ވަނަ ބުރިން މީހަކު ވެއްޓިފައިވާ ކަމަށާއި އޭނައަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ބުނެފައެވެ.
ނަމަވެސް ދާދި ފަހުން ފުލުހުން ވަނީ އޭނާ ނިޔާވެއްޖެކަމަށް ބުނެފައެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އާންމުންގެ ބަޔަކު ވެއްޓުނު މީހާ ޕިކަޕަކަށް ލައިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދާތަން ފެނިގެންދެއެވެ.
މިހާދިސާގައި ނިޔާވި މީހާ ދުއްމާލި ކަމުގެ ރިޕޯޓްތައް ލިބުނު ކަމުގައިވީ ނަމަވެސް އޭނާ ފުންމާލި ކަމަށް އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެއެވެ. އަދި ނިޔާވީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއްކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އަދި ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.