މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހު ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކާއިއެކު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ހޯމް މިނިސްޓްރީން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ބިލް ޑްރާފްޓްކޮށް އޭޖީ އޮފީހަށް ފޮނުވުމަށްފަހު ބުނެފައި ވަނީ ގޭންގު ކުށްތައް ހުއްޓުވުމަށް އާ ގާނޫނެއްގެ ޑްރާފްޓާއި މަސްތުވާތަކެތީގެ ގާނޫނަށް ގެންނަ އިސްލާހެއްގެ ޑްރާފްޓް އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި “ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު”ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ކަމަށެވެ.
މިގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގޭންގު ހަދައިގެން ކުށްކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތައް ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަހްގީގު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއި އެފަދަ ތަހްގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ހާއްސަ ބާރުތަކެއް ދިނުން ހިމެނޭ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ އިތުރުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށްޓަކައި މަސްތުވާތަކެތީގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ޑްރާފްޓްކޮށް ހުށަހަޅާފައިވާއިރު، ހޯމް މިނިސްޓްރީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި 500 ގްރާމަށް ވުރެއް ގިނައިން މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާއި ކޯޓު އަމުރަކާއި ނުލާ ތަންތަން ބަލާ ފާސް ކުރުމުގެ ބާރު ފުލުހުންނަށް މިގާނޫނުގެ ދަށުން ދިނުން ހިމެނެއެވެ.
ގޭންގު ކުށްތައް އަދި މަސްތުވާތަކެއްޗާއި މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް” ގެ ސިޔާސަތެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާ އިރު، މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.