ބޮލުން އިސަތަށި ފޭބުމަކީ ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ. ބޮލުން އިސްތަށި ފޭބުމާއެކީގައި ބޮލުގައި ހަންފޮޅުމާއި، ތަލަވުން، އަދި އަވަހަށް ނުރަވުން ހިމެނެއެވެ.
އާނމުގޮތެއްގައި ބޮލުން އިސްތަށިފޭބުމުގެ ސަބަބަކީ ވައި ތަޣައްޔަރުވުމާއި ބޭނުންކުރާ ފެނުގައި ގެއްލުންދެނިވި ކެމިކްލްތައް އެކުލެވިގެންވުމެވެ. މިފަދަ ކަންތައްތަކަކީ އަހަރުމެންނަށް ހުއްޓުވޭނެ ކަމަކަށް ނުވިޔަސް ގޭގައި އިސްތަށިގަނޑަށް އަޅާލެވޭނެއެވެ.
އެގޮތުން ފިޔާ ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭ ތެލަކީ އިސްތަށިފޭބުމާއި ބޮލުގެ ހަންގަޑަށް ޖެހޭ ބަލިތައް ދުރުކޮށްދޭ އެއްޗެކެވެ.
ގޭގައި ފިޔާ ތެޔޮ ތައްޔާރު ކޮށްލުމަށް:
2-3 ފިޔާ ކުދިކޮށް ކޮށާލާށެވެ. ދެން ފިޔާކޮޅު މިކްސަރުގެ ފުޑާ ބައިން ފުޑާލާށެވެ. އަދި ފޮތިކޮޅެއްގެ އެހީގައި ފިޔަލުގެ ދިޔަ ފެލާލާށެވެ. އެއަށްފަހު ކާށިތެޔޮ ފޮދެއް ނުވަތަ ބަދަން ތެޔޮ ނުވަތަ އޮލިވްއޮއިލް ފަދަ ތެލަކާއި އެކު ފިޔަލުގެ ދިޔަ ބިއްލޫރި ފުޅިއެއްގައި އެއްކޮށްލާށެވެ. އެއްކުރާއިރު ތެޔޮ ހުންނަންވާނީ ފިޔާ ދިޔަލަށްވުރެ 3 ބައި އިތުރަށެވެ.
މިހާރު މިހުރި ތެޔޮ ތައްޔާރު ކުރެވިފައެވެ. މިތެޔޮ އިތުރަށް ވަރުގަދަ ކުރުމަށް އެހެނިހެން ތަކެތިވެސް އެއްކުރެވިދާނެއެވެ.
ތެޔޮ ބޭނުން ކުރުމުގައި ސަމާލުވާންވީ ކަންކަން
ފިޔާ ތެލަކީ އޭގައި ސަލްފާރ ގިނަ އަދަދަކަށް އެކުލެވޭ އެއްޗެއް ކަމުން އާނމުގޮތެއްގައި ފިޔާ ތެޔޮ ބޭނުން ކުރާކަށް ނުވާނެއެވެ. މި ތެޔޮ ބޭނުން ކުރުން އެދެވިގެންވަނީ ހަފްތާއަކު 1 ފަހަރު ބޯ ދޮވުމުގެ ކުރިންނެވެ.