ގްރޭޓާ މާލެ ސަރަހައްދުގައި ސުކޫލުތައް އެންމެ ގިނަ ސަރަހައްދަށް މާލެ ވާނެކަމަށާއި، ސުކޫލުތަކަށް ވަދެނުކުމެ އުޅުމުގައި ދަތިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުންނަ 4 ފުރޮޅުލީ އުޅަނދުތައް ޓޯ ކުރުމުގައި ފުލުހުން ޚާއްޞަ އިސްކަމެއް ދޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިފަދައިން ވިދާޅުވީ އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްވި ބަސްދީގަތުމެއްގައެވެ. ޝުޖާޢު ވިދާޅުވީ ސުކޫލުތަކަށް ވަދެނުކުމެ އުޅުމުގައި ދަތިވާގޮތަށް އުޅަނޑުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނަށް ވަރަށް ގިނަ ދަތިތަކާއި ތަހައްމަލު އުފުލަން ޖެހޭކަމަށެވެ. އަދި ޚާއްޞަކޮށް މި ފަދަ މޫސުން ގޯސް ދުވަސްވަރެއްގައި އެ ފަދަ އުޅަނދުތަކުގެ ސަބަބުން ދަރިވަރުން ގޮވައިގެން ބެލެނިވެރިންނަށް ސުކޫލާ ކައިރިވުމުގެ ފުރުސަތު ނުލިބޭކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ފްރޮންޓް ލައިން ފުލުހުން ކްރައިމް ސީންތަކަށް ހޭދަކުރާ ވަގުތަށް ވުރެ ޓްރެފިކާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ހޭދަކުރާ ވަގުތު ގިނަކަމަށެވެ.
މާލެއަކީ އެންމެނަށް ވެސް ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމުގައި ޝުޖާއު ވިދާޅުވިއެވެ.