ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދި އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންގެ ދައުވަތަކަށް ކުރައްވާ މިދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒަށް އަރުއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެއިތުރުން، ސައުދި އަރަބިއްޔާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވުމުގެ އިތުރަށް، ސައުދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓާއި ބައްދަލުކުރެއްވާނެ އެވެ.
މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އެމްބަސެޑާ އެޓް ލާޖް އަހްމަދު ނަސީރާއެކު ދިވެހި ސަރުކާރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ މިދަތުރުފުޅުގައި، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.