މާލޭގައި ގެއެއްގެ މީހުންނަށް ވަދެނުކުމެވޭ ގޮތަށް ރާނާފައިވާ ފާރެއް މާލޭ ސިޓީ ކައުންސިލުން ތަޅާލުމާ ގުޅިގެން، އެ ފާރު އަލުން ރޭނުމަށް މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ހ. ހުދުފިނިފެންމާގޭގެ ވެރިޔާ މި މައްސަލަ ކޯޓަށް ހުށަހެޅޫމާ ގުޅިގެން ސިވިލް ކޯޓުން މާލޭ ސިޓީ ކައުންސިލުގެ މައްޗަށް އަމުރެއް ނެރެފައި ވަނީ އިއްޔެއެވެ. މިދިޔަ މަހު ސިޓީ ކައުންސިލުން ހުދުފިނިފެންމާގޭ ފާރެއް ތަޅާލީ އިންވެގެން ހުރި ގޭގެ މީހުންނަށް ވަދެނުކުމެ ނޫޅެވޭތީއެވެ. ނަމަވެސް، މި ފާރު ރާނާފައިވަނީ ސިޓީ ކައުންސިލްގެ ހުއްދައާ އެކުގައެވެ.
އެ މައްސަލައާ ގުޅިގެން ހުދުފިނިފެންމާގޭގެ ވެރިޔާ ހަސަން ޝާކިރު ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރީ ހުދުފިނިފެންމާގެއާ އިންވެގެން ހުރި ގޭގައި ތިބި މީހުން ވަދެ ނުކުމެވޭނެ ގޮތެއް ނޯންނާނެކަން އެނގި ތިބެ ހުދުފިނިފެންމާގެއާގޭގެ މީހުންނަށް ގޯޅީގައި ފާރެއް ރޭނުމުގެ ހުއްދަ ދިނުމަށް ފަހު، ހުދުފިނިފެންމާގޭގެ ފާރެއް ތަޅާލަން ކައުންސިލުން ނިންމީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި، ޝަރީޢަތުން އެހެން ގޮތަކަށް އަންގަންދެން، ހުދުފިނިފެންމާގޭގެ އިރުމަތީގައިވާ އިމާރާތަށް ކުރިން ވަދެނުކުމެ އުޅުނު ގޮތަށް، އިންވެގެން އޮންނަ ގޯޅި މަގުން ވަދެނުކުމެވޭނެ ގޮތް 48 ގަޑިއިރުގެ ތެރޭގައި ހަމަޖައްސައިދިނުމަށް ސިވިލް ކޯޓުން ސިޓީ ކައުންސިލަށް އަންގާފައިވެއެވެ. އަދި ހުދުފިނިފެންމާގޭ ފާރު ތަޅާލުމުގެ ކުރިން އޮތް ހާލަތަށް އަނބުރާ ގެނައުމަށްފަހު، ކައުންސިލްގެ މުވައްޒަފުން އެ ތަނުން ނުކުތުމަށް ވެސް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.